ވިޔަފާރި

ގެޓްސެޓް ލޯނާއި ފަސޭހަ މަދަދު އަންނަ މަހު ދޫކުރަން ހުޅުވާލަނީ

Dec 26, 2016
  • އެސްއެމްއީ ލޯނު ވެސް އަހަރު ކުރީކޮޅު
  • މި ލޯނުތަކުގައި ރަހުނު ބަހައްޓާކަން ނުޖެހޭ
  • ފަސޭހަ މަދަދަކީ އިސްލާމިކް ސްކީމެއް

ގެޓްސެޓް ލޯނާއި އިސްލާމިކް ފައިނޭސް ސްކީމް ފަސޭހަ މަދަދުގެ ދެވަނަ ބުރު އަންނަ މަހު ދޫކުރަން ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިންތިޒާމުކޮށްގެން އައްޑޫގެ އަންހެނުން ނަށް އިއްޔެ ބޭއްވި ފޯރަމްގައި އެންޓަޕްރައިޒް ޑިވްލޮޕްމަންޓު (އީޑީ) ގެ ސުޕެސިއަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ ފަސޭހަ މަދަދާއި ގެޓްސެޓް ލޯނު ސްކީމް އަންނަ މަހު ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި މުއްދަތުގައި ދޫކުރަން އިއުލާނު ކުރެވޭ ވަރުވާނެ ކަމަށެވެ.

"އަންނަ އަހަރުގެ ކުރީކޮޅު އެސްއެމްއީ ލޯނު ވެސް އިއުލާނު ކުރާނެ. މީގައި މުހިންމު ކަމަކީ އެސްއެމްއީ ލޯނަށް އެންމެ ފަހުން 470 ފަރާތް ކުރިމަތިލި. ފަންސާސް މިލިއަން އޮތީ. އިވެލުއޭޝަން ނިޒާމުގެ ތެރެއިން ލޯނު ދެވުނީ 60 ފަރާތަށް. މީގެ މާނައަކީ އެބައުޅެއޭ ވަރަށް ބައިވަރެއް ލޯނު ބޭނުންވާ،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ފައިނޭންސް ފެސިލިޓީތައް ދޫކުރަން ތައްޔާރުވަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ ވިޔަފާރީގެ މަރުކަޒުތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.

"މިހާރުން ފެށިގެން ބިޒްނަސް ސެންޓަރުތަކާ ގާތް ގުޅުމެއް ބާއްވަންވީ. އެ މީހުން ކައިރިން މައުލޫމާތު ހޯދަންވީ. އެ މީހެއްގެ ކަމެއްގައި އެ މީހަކު އުޅޭނީ،" މުމްތާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ ހަތް ސަރަހައްދުގައި ބިޒްނަސް ސެންޓަރުތައް ގާއިމް ކޮށްފައިވެ އެވެ. ސެންޓަރުތައް ގާއިމް ކޮށްފައިވަނީ ހއ. ކުޅުދުއްފުޓާއި ޅ. ނައިފަރު އަދި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫ އަދި ގދ. ތިނަދޫގެ އިތުރުން ސ. ހިތަދޫގަ އެވެ.

މުމްތާޒު ވިދާޅުވީ ވިޔަފާރި ފެށުމަށް ފުރަތަމަ ކެރެންވީ ކަމަށާއި، ކެރިގެން ހިތްވަރާއެކު، ބިޒްނަސް ސެންޓަރުތަކުގެ އެހީ ހޯދަންވީ ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް، ލައިފްގައި އަންނާނެ މައްސަލަތައް. އެމީހާގެ ހަރުދަނާ ކަމާ، އެމީހާގެ ވިސްނުން ގެންގުޅޭ ގޮތުން ކާމިޔާބު ވަނީ،" މުމްތާޒު ވިދާޅުވި އެވެ.

ގެޓްސެޓް ލޯނު ސްކީމުގެ ދަށުން 74 ފަރާތަކަށް 25 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. އަދި ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ގެޓްސެޓް ޕްރޮގްރާމުގެ ޖުމްލަ ބަޖެޓަކީ 200 މިލިއަން ރުފިޔާ އެވެ.