ހަބަރު

އައިޖީއެމްއެޗްގެ ފިހާރަތަކުން އެނާޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗްގެ ފިހާރަތަކުން ވެސް އެނާޖީ ޑްރިންކް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލާއި ގުޅުންހުރި ފިހާރަތަކާއި އެ ހޮސްޕިޓަލުގެ އިމުން އެތެރޭގައި ވިޔަފާރިކުރާ ތަނަކުން 1 ޖެނުއަރީ 2017 އިން ފެށިގެން ބޭހުގެ ގޮތުގައި ވިއްކާ އެއްޗެއް ފިޔަވައި، އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

އެނާޖީ ޑްރިންކް ވިއްކުން މަނާކުރުމަށްފަހު އެ ހޮސްޕިޓަލުން ވަނީ ތަނުގެ ތެރޭގައި ވިޔަފާރި ހިންގާ ފަރާތްތަކަށް، އެތަންތަނުން އާންމުންނަށް ފޯރުކޮށްދޭ ބުއިންތަކަކީ ވީހާވެސް ސިއްހަތާ ގުޅޭ ފައިދާހުރި ބުއިންތަކަކަށް ހަދައިދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އައިޖީއެމްއެޗުން ވަނީ އެނާޖީ ޑްރިންކް ބުއިމުގެ ސަގާފަތް މަދުކުރަން އެ ހޮސްޕިޓަލުން ފަށާފައިވާ ކެމްޕޭނަށް އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތްތަކުން އެދިފަ އެވެ.