ހަބަރު

ވެށިފަހި ފްލެޓް ލިބުނު ފަރާތްތަކުން ދޫކޮށްލާ ބިންތައް ވިއްކާލަނީ

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިންތައް ވިއްކާލަން ނިންމައިފިއެވެ. ފްލެޓް ވިއްކުމާބެހޭ އުސޫލު ހައުސިން މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނެފައިވަނީ ބިން ވިއްކާނީ އެ ބިމަކާއި އިންވެގެން އޮންނަ ފަރާތެއް ބިން ގަތުމަށް ހުށައަޅާފައިވާނަމަ އެފަރާތަކަށް އިސްކަންދޭ އުސޫލުން ކަމަށެވެ. އެގޮތުން ވިއްކާ ބިން ގަންނަ ފަރާތުގެ ބިމާ އެއް އިންވެގެން އޮތްނަމަ ވިއްކާ ބިން އިތުރުކޮށް އެއް ރަޖިސްޓްރީއަކަށް ހެދިދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ވިއްކާލާ ބިމާއި އިންވެގެން އޮންނަ ބިމެއްގެ ވެރިފަރާތަކުން އެބިމެއް ގަތުމަށް ހުށަނާޅައިފިނަމަ ދެން އެބިންކޮޅެއް ވިއްކާނީ ބިޑް އުސޫލުން އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އެކަކަށްވުރެ ގިނަ ބަޔަކު ބިން ގަތުމަށް ހުށަހަޅާއިފި ނަމަވެސް ބިން ވިއްކާނީ އެ ބިމުގެ އިމާ އެންމެ ކައިރިން ބިމެއް އޮތް ފަރާތަކަށް ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ވެށިފަހި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން ދޫކޮށްލާ ބިންތައް ވިއްކުމާ ބެހޭ އުސލު ގެޒެޓްކޮށްފައިވާއިރު، އެ ފްލެޓް ލިބުނު ބައެއް ފަރާޓްތަކުން އަދިވެސް ބިންތައް ދޫނުކޮށްލަ އެވެ. ހައުސިން މިނިސްޓްރީން ވަނީ ބިން ހުސް ނުކުރާ ފަރާތްތަކަށް ބިން ދޫކޮށްލަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައެވެ.