ވިޔަފާރި

ކިރުގެ ބާވަތްތަކުގައި ދިވެހި ލޭބަލް ޖެހުން ފަސްކޮށްފި

Jan 2, 2017

ކުޑަކުދިންނަށް ދޭން ރާއްޖެ އެތެރެކޮށް ވިއްކާ ކިރުގެ ބާވަތްތައް ދިވެހި ބަހުން ލޭބަލް ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިން މުއްދަތު އިތުރުކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބުނީ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެ އަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން މިމަހުގެ 16 ގެ ފަހުން، ރަޖިސްޓްރީނުކޮށް ދިވެހި ލޭބަލް ނެތި ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅާފައިވާ ނަމަވެސް، މި ފަދަ އުފެއްދުންތަކުގައި ދިވެހި ބަހުން ލޭބަލް ޖެހުމަކީ މި ތަކެތި ރާއްޖެ އަށް އެތެރެކުރާ ބައެއް ފަރާތްތަކަށް ދަތިވާ ކަމަކަށްވާތީ މިކަމަށް ހައްލެއް ހޯދައި، ގަވާއިދަށް ބަދަލެއް ގެންނަން ޖެހޭނަމަ މިކަން ކުރުމަށް އެ އޮތޯރިޓީ އަށް ވަގުތު ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"... އެހެންކަމުން، ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުފެއްދުންތަކުގައި ދިވެހި ބަހުން ލޭބަލް ޖެހުމާމެދު ގޮތެއް ނިންމައި، ވަކިގޮތެއް އަންގަންދެން ދިވެހި ބަހުން ލޭބަލް ޖެހުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" އެމްއެފްޑީއިން ބުނެފައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ދިވެހި ލޭބަލް ފިޔަވައި ރަޖިސްޓްރޭޝަނަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން ޕްރޮޑަކްޓްގެ އޮރިޖިނަލް ލޭބަލް ގަވާއިދާ އެއްގޮތަށް ވާނަމަ، ޕްރޮޑަކްޓް ރަޖިސްޓަރީކޮށްދޭނެ ކަމަށެވެ.

މި ބަދަލާ ގުޅިގެން ރަޖިސްޓަރީނުކޮށް ތުއްތު ކުދިންނަށް ހާއްސަ ކާނާ އާއި، މި ގަވާއިދުގައި ކަނޑައެޅިފައިވާ އެހެނިހެން އުފެއްދުންތައް ވިއްކަން ބެހެއްޓޭނެ އެންމެފަހުގެ ތާރީހަކީ މާޗު 25 އެވެ.