ސްކޫލްކުދިންގެ ފޮތްލިސްޓުތަކަށް މިދިޔަ އަހަރު 90.8 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޕްރީ ސްކޫލް ތައުލީމް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކު މިދިޔަ އަހަރު ޕްރީސްކޫލް ކުދިންގެ ފޮތް ލިސްޓް ވައުޗަރުތަކަށް ވެސް ތަކެތި ދޫކުރީ ސަރުކާރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަވަސްއަށް ބުނީ ނިމުނު 2016 ވަނަ އަހަރު އެ މިނިސްޓްރީން ކުރި ޖުމްލަ ހަރަދު 320 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި އެ ހަރަދުގެ ތެރެއިން މިދިޔަ އަހަރު ޕްރީސްކޫލް ލެވެލުން ގްރޭޑް 12 އާ ހަމަޔަށް ކިޔެވި ކުދިންގެ ފޮތް ލިސްޓު ވައުޗާތަކަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށެވެ. އެއީ ޓެކްސްޓް ފޮތްތަކަށް 50 މިލިއަން، ވައުޗަރަށް 40 މިލިއަން އަދި ލޮޖިސްޓިކްސް އަށް 0.8 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ އެކި ސްކޫލްތަކަށް މަދުވި ސަމާނު ހަމަކުރުމަށް 103.3 މިލިއަން ރުފިޔާ މިދިޔަ ހަރަދު ކުރިކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވުމަށް މިދިޔަ އަހަރު ތެރޭގައި 131 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، މިހާރު ފަށައިގެން ކުރިއަށްދާ މަޝްރޫއުތަކުގެ ހަރަދު އޭގެ ތިން ގުނަ އިތުރު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ 46 ސްކޫލެއްގައި މިހާރުވެސް ބޮޑެތި މަޝްރޫއުތަކެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ މަޝްރޫއުތަކަށް 423 މިލިއަން ރުފިޔާ ހަރަދުވާ އިރު، އެ ހުރިހާ މަސައްކަތެއް ވެސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 46 ސްކޫލެއްގައި 343 ކްލާސްރޫމް އެޅުމާއި، 10 ހޯލު ތަރައްގީކުރުމެވެ.