ކަޝްމީރުގެ މައްސަލަ

ކަޝްމީރުގައި ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ

ކަޝްމީރުގެ އިންޑިއާ ފަޅީގައިވާ ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ އެވެ.

އިންޑިއާ ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ މަސައްކަތްތެރިންތަކެއް ތިބޭ ތަނަކަށް ބަޑިން ރޭ މެންދަމުން އަލިވި ފަހުން ދިން އެ ހަމަލާގައި ބައިވެރިވީ ދެމީހަކު ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީވާ ޖެނެރަލް ރިޒާވް އިންޖިނިއާ ފޯސް ކޭމްޕް ނަމަކަށް ކިޔާ އިމާރާތަށް ދިން އެ ހަމަލާއާއި ގުޅިގެން އިންޑިއާ ސިފައިން މިހާރު ވަނީ އެސަރަހައްދު ބަންދުކޮށްފަ އެވެ. އަދި ހަމަލާ ދިން ދެމީހުން ހޯދުމަށް އެމީހުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން ކަޝްމީރު ވަކިކޮށް، ވަކި ވެރިކަމެއް ގާއިމްކުރުމަށް ހަނގުރާމަވެރި ޖަމާއަތްތަކުން މަސައްކަތް ފަށާފައި ވަނީ 1980 ގެ އަހަރުތަކުގަ އެވެ. އޭރުން ފެށިގެން އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނު ސަރުކާރުން މަދަދުކުރާ ކަމަށް އިންޑިއާއިން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ.