ކަޝްމީރުގެ ޕާކިސްތާން ފަޅީގައި މިމަހު ހައެއްގައި – އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެއިފައި އޮތް ކަޝްމީރު ޕްރިމިއާ ލީގް ކްރިކެޓް މުބާރާތުގައި އިނގިރޭސި ހަތަރު ކުޅުންތެރިއަކު ބައިވެެރިވާން ދެކޮޅު ހަދައިފި އެވެ. އެއީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ކްރިކެޓް އިންޑިއާ (ބީސީސީއައި) އިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އިންޑިއާގެ ކްރިކެޓް އޮގަނައިޒޭޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ބާރު އޮންނަ ގޮތަށް ރާވައި ހިންގާ ކަޝްމީރު ޕްރިމިއާ ލީގް ކްރިކެޓް މުބާރާތުގައި ބައިވެރިވެއްޖެ ނަމަ އިންޑިއާއިން ރާވައި ހިންގާ އެއްވެސް ލީގަކުން އެ ކުޅުންތެރިއަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އިންޑިއާ ކްރިކެޓް ބޯޑާއެކު ވިޔަފާރިއާ ގުޅުން ހުރި އެއްވެސް މުއަމަލާތަކުން ވެސް ފުރުސަތު ނުދޭނެ ކަމަށާއި ކުރިކެޓަށް ނަން ކިޔައި އިންޑިއާގައި ހިންގޭ އެއްވެސް ކަމެއްގައި ބައިވެރި ނުކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިނގިރޭސި ކުޅުންތެރިންގެ އިތުރުން ދެކުނު އެފްރިކާ އާއި ލަންކާގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކަޝްމީރު ޕްރިމިއާ ލީގު ކްރިކެޓް މުބާރާތުގައި ބައިވެރިވާން އުޒުރުވެރިވެފަ އެވެ.
ބީސީސީއައިގެ މިބަޔާނާ ގުޅިގެން ކުރިކެޓަށް ލޯބިކުރާ ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ކުޅުންތެރިނަން ލިިބެން އޮންނަ ފުރުސަތުތައް ގެއްލުވާލައި ކުޅިވަރު ސިޔާސީ ނުކުރުމަށް ވަނީ ގޮވާލާފަ އެވެ.
އިންޑިއާއާ ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސް ކަމަކީ ކުޅިވަރާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި ކުޅިވަރުން ހަގީގަތުގައި އުނގަންނައިދެނީ ވާދަވެރިކަމުގެ ތެރެއިން ސުލްހަވެރިވުމަށް ކަމަށް ވެސް ބައެއް މީހުން ޓްވީޓާގައި ބުނެފައި ވެއެވެ.