ދުނިޔެ

އިންޑިއާ އާއި ސުލްހަވުމަށް އޮތް ހުރަހަކީ ކަޝްމީރު މައްސަލަ: ޕާކިސްތާން

ޕާކިސްތާން އަކީ އަވައްޓެރިންނާ އެކު ވަރަށް ގާތް -- އަދި ސުލްހަވެރި ގުޅުމެއް ބާއްވަން އެދޭ ގައުމެއް ކަމަށް ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރު ވިދާޅުވެއްޖެ އެވެ.

އދގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ކާކަރު ވިދާޅުވީ އިންޑިއާ އާއި އެކު ސުލްހަވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަަމަށާއި -- އެކަމަކު އޭގެ ކުރިން ކަޝްމީރުގެ މައްސަލަތަކަށް ދެ ގައުމުން އެއްބަސްވުމަކަށް އަންނަން ވާނެ ކަމަށެވެ.

ކާކަރު ވިދާޅުވި ގޮތުގައި އދގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި އެންމެ ދުވަސްވީ މައުލޫއަކީ ޖަންމޫ ކަޝްމީރުގެ މައްސަލަ ކަމަށެވެ. އެކަމަކު އިންޑިއާ އާއި ހެދި އެކަމަށް ބަހުސްކޮށް ގޮތެއް އޮތީ ނުނިންމިފައި ކަމަށް ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުން އެކުލަވާލާފައި އޮތް ގަރާރުގައި ބުނަނީ ޖަންމޫ ކަޝްމީރުގެ ހާލަތާ މެދު ދެމެހެއްޓެނިވި ގޮތެއް ނިންމުން އެ މީހުންނަށް ދޫކޮށްލުމަށެވެ. އދ މެދުވެރިވެގެން ޖަންމޫ ކަޝްމީރުގައި ނެގޭ އާންމު ވޯޓަކުން ހާލަތު ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ކާކަރު ވިދާޅުވީ އިންޑިއާ އިން މިކަމާ އަޅައިނުލާ ކަމަށާއި، ގަރާރު އޮތީ އޮތް ތަނުގައި ކަމަށެވެ.

އޯގަސްޓް 2019 ގައި ނިއުދިއްލީން ޖައްމޫ ކަޝްމީރަށް 900،000 ސިފައިން ފޮނުވި ކަމަށްވެސް ކާކަރު ވިދާޅުވި އެވެ. އެއަށްފަހު އެތަން އޮތީ ނިއުދިއްލީގެ ބާރުގެ ދަށުގައި ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަންމޫ ކަޝްމީރުގައި ހިނގާ ގިނަ ކަންކަން ދުނިޔެއަށް އޮތީ ސިއްރުވެފައި ކަމަށެވެ. އިންޑިއާއާ ހެދި އދގެ އޮފިސަރުންނަށް -- އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އޮފިސަރުންނަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ކަމަށް ވިދާޅުވި އެވެ.

އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް އދ އަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ކާކަރު ވިދާޅުވި އެވެ. ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް އދ މެދުވެރިކޮށް ހައްލުކުރުން ޕާކިސްތާނަށް މައްސަލެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޕާކިސްތާން - އިންޑިއާ ބޯޑަރަކީ ޓެރަރިސްޓް ހަމަލާތަކުން ސަލާމަތް ވެފައި އޮތް ތަނަކަށް ހެދުމަށް ވެސް ކާކަރު ގޮވާލެއްވި އެވެ. އިންޑިއާގެ އެއްބާރުލުމާ އެކު އެއީވެސް ހާސިލްކުރެވިދާނެ ލަނޑުނދަޑިއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.