ކެނެޑާގައި ދިރިއުޅޭ ސިކުންގެ ލީޑަރެއް ކަމަށްވާ ހަރްދީފް ސިންގް ނިއްޖާރު މަރާލި މައްސަލަ މިހާރު އޮތީ އިންޑިއާ ބޮލުގައި އެޅިފަ އެވެ.
އެމެރިކާ އާއި ކެނެޑާ އަދި ބައިވެރިން ބުނާ ގޮތުން -- އެ މީހުންގެ އިންޓެލިޖެންސަށް ބުރަވެ އެއްޗެއް ބުނާނަމަ، ނިއްޖާރު މަރާލުމުގައި އިންޑިއާ އަތެއް އޮތްކަން ދާދި ކަށަވަރެވެ.
އިންޑިއާ ދެކެނީ މިއީ އިންޑިއާއާ މެދު ބަޔަކު ހީކުރާ ނުބައި ހީކުރުމެއް ކަމަށެވެ. އިންޑިއާ ބަދުނާމުކޮށް ސަފުން ބޭރުކުރިއެއް ކަމަކު -- ހަރްދީފްގެ މަރު، އިންޑިއާއާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އިންޑިއާ އޮތީ ކުރިން ބުނެފަ އެވެ. ނަމަވެސް، އެމެރިކާގެ ފިއްތުންތަކާ ހެދި އިންޑިއާއަށް މިވަނީ ހަރްފީޕްގެ މަރާ ގުޅުވައިގެން ކެނެޑާ ދައްކާ ވާހަކަތައް އަޑުއަހަން ޖެހިފަ އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާއަށް އަމާޒުވާ ގޮތަށް ކެނެޑާ ދައްކާ މައްސަލަތައް ބެލިދާނެ އެވެ. ހަރްދީޕްގެ މަރަކީ އިންޑިއާ އާއި ގުޅުމެއް ނެތް ކަމެއްކަން ދައްކަން އިންޑިއާ ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ޖައިޝަންކަރު ނިއުޔޯކަށް ކުރެއްވި ދަތުރުގައި -- ހަރްދީޕްގެ މަރާ ބެހޭ ގޮތުން ކެނެޑާއިން އެ ދައްކާ ހެކިތައް މުރާޖާކުރައްވާނަންތޯ -- ދެންނެވި ސުވާލަށް އޭނާ ވިދާޅުވީ ބައެއްގެ އަތުގައި އެހާ ވަރުގަދަ ހެކިތަކެއް ހުރި ކަމަށް ބުނާނަމަ އެކަމެއްގެ ދޮގުތެދު އިންޑިއާއިން ބަލާނެ ކަމަށެވެ.
ކެނެޑާ ބުނާ ގޮތުން ހަރްދީޕް މަރާލީ އެ ގައުމަށް ދަތުރުކުރި އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެކެވެ.
އިންޑިއާ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.
ކެނެޑާގެ މި ތުހުމަތާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހަރާބުވެފަ އެވެ. ދެ ގައުމު ދެ ގައުމަށް ސަފީރުން ބޭރުކޮށް ވިސާ ދަތިކުރުމާ ހަމައަށް މަސްރަހު އޮތީ ގޯސްވެފަ އެވެ.
މި މައްސަލާގައި ކެނެޑާގެ ކަންބޮޑުވުން އޮތީ އިންޑިއާ ދަރިކޮޅުގެ މީހެއް ނަމަވެސް، ކެނެޑާގައި ނިއްޖާރު މަރާލުމުންނެވެ. އަދި އެއީ ކެނެޑާގެ ރައްޔިތުކަން އޮތް އެ ގައުމަށް ނިސްބަތްވާ މީހަަކަށް ވުމެވެ.
މި މައްސަލައިގެ ތެރެއަށް އިންޑިއާ އެއްވެސް ވަރަކަށް ވަދެފައިވާނަމަ، ޓްރޫޑޯ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ، ކަން ހިނގައި ދިޔަގޮތް ތަހުގީގަށް ކިޔައިދިނުމެވެ. އަދި ތަހުގީގު ނިންމައި ކޮޅެއްގައި ޖެއްސުމަށް އިންޑިއާ އެއްބާރުލުން ދިނުމެވެ.