އިންޑިއާގައި ތިބޭ ކެނެޑާގެ ޑިޕްލޮމެޓުންގެ އަދަދު 21 އަށް މަދުކޮށް ދެން ތިބި ބަޔަކު ފޮނުވާލުމަށް އިންޑިއާ އޮތީ ކެނެޑާއަށް އަންގާފަ އެވެ. އިންޑިއާގެ މި އަމުރަށް ތަބާވެ ކެނެޑާއިން ވަނީ 41 ޑިޕްލޮމެޓަކުން ކެނެޑާއަށް ގެންގޮސްފަ އެވެ.
އިންޑިއާގެ މި އަމުރަކީ އެމެރިކާ ބުނާ ގޮތުން ޑިޕްލޮމެޓިކް އުސޫލުތަކާ ފުށުއަރާ އަމަލެކެވެ. ވިއޭނާ ކޮންވެސްޝަންގައި، ޑިޕްލޮމެޓުންނަށް އޮންނަ ހައްގު ހިމާޔަތްކުރުމަށް އެމެރިކާއިން ވަނީ އިންޑިއާއަށް ގޮވާލާފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ގައުމުތަކުގައި ތިބެނީ ބައިނަލްއަގްވާމީ ގަރާރަކުން އެއްބަސްވެގެންނެވެ.
ތަރުޖަމާން އަދި ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދޭ ކޮންމެ ފަހަރަކު ޑިޕްލޮމެޓިކް ގުޅުން ކަނޑާ ހިސާބަށް ދިއުން ގޯސް ކަމަށެވެ. އަދި ސަފީރުން ބޭރުކޮށް އަދަބު ކުޑަކުރަމަކީ ގަރާރުތަކާ ޚިލާފު ކަމެއް ކަމަށެވެ.
އިންޑިއާގައި ތިބޭ ކެނެޑާގެ ޑިޕްލޮމެޓުންގެ އަދަދު މަދުނުކުރުމަށް އެމެރިކާ ވަނީ އިންޑިއާއަށް ގޮވާލާފަ އެވެ.
އެމެރިކާގެ އުންމީދަކީ، ތަރުޖަމާން ވިދާޅުވި ގޮތުގައި، 1961 ގައި ގައުމުތަކުން ސޮއިކުރި ވިއެނާ ކޮންވެޝަނަށް ދެ ގައުމުން ވެސް އަމަލުކުރުމެވެ. އަދި ސަފީރުންނަށް ކަމޭ ހިތައި ޑިޕްލޮމެޓިކް އޮޕަރޭޝަންތަކަށް ޕްރެޝަރު ނުކުރުމެވެ.
ކެނެޑާގެ ޑިޕްލޮމެޓުން އިންޑިއާއިން މަދުކުރަން އެންގުމާ ގުޅިގެން ކެނެޑާއިން ވަނީ އިންޑިއާގެ ތިން ސިޓީއެއްގައި ޑިޕްލޮމެޓިކް ހަރަކާތްތައް މަޑުޖައްސާލާފަ އެވެ. އަދި އެ އޮފީސްތައް ހިންގުމާ ހަވާލުވެ ތިބި ޑިޕްލޮމެޓިކް އޮފިޝަލުން ވަނީ ކެނެޑާއަށް ގެންގޮސްފަ އެވެ.
އިންޑިއާއާ ކެނެޑާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މިހާރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. އެއީ އިންޑިއާ ނަސްލުގެ ސިކެއް ކަމަށްވާ ހަރުދީޕް ސިންގް ނިއްޖާރު މަރާލުމާ ގުޅިގެންނެވެ.
ކެނެޑާ ބުނާ ގޮތުން އިންޑިއާގެ އަތެއް މިކަމުއި އެބަ އޮތެވެ. ނަމަވެސް، އިންޑިއާއިން ބުނަނީ ނިއްޖާރު މަރާލުމުގައި އިންޑިއާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.