އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާއި، އެމެރިކާގެެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވޮޝިންގްޓަންގައި ބައްދަލުކުރައްވައިފި އެވެ.
ބާރުގަދަ ދެ ގައުމެއްގެ ހާރިޖީ ވަޒީރުން މި ބައްދަލުކުރެއްވީ އިންޑިއާއަށް ތުހުމަތުކުރެވޭ މައްސަލައެއް ކެނެޑާއިން ފެންމަތިކޮށްފައި ވަނިކޮށެވެ.
ކެނެޑާގައި ވަޒަންވެރިވެގެން އުޅޭ އިންޑިއާ ސިކުންގެ ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާ ބައިވެރިވުން އޮތް ކަމަށް ކެނެޑާއިން އޮތީ ތުހުމަތުކޮށްފަ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުގައި އިންޑިއާގެ ބައިވެރިވުން މިކަމުގައި އޮތްކަން އެމެރިކާ އަށާއި ޖަސޫސީ ބައިވެރިންނަށް ރަނގަޅަށް އެނގެ އެވެ.
ނަމަވެސް، މި ތުހުމަތަށް އިންޑިއާ ދެކޮޅު ހަދަ އެވެ. އިންޑިއާ ބުނާ ގޮތުން އެ ގައުމަށް ތުހުމަތުކުރުމުގައި ކެނެޑާގެ އޮތީ އެހެން ބޭނުމެކެވެ.
ޖައިޝަންކަރާ ބްލިންކެން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ނިއްޖާރާ ބެހޭ ގޮތުން ވާހަކަދެކެވުނު ކަމަކަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަކުން ނުބުނެ އެވެ. ނަމަވެސް، ބައެއް ނޫސް އޭޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖައިޝަންކަރުގެ އަރިހުގައި ބްލިންކެން މި ވާހަކަތައް ދެއްކެވި އެވެ. އަދި ކެނެޑާއަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވެ.
އެމެރިކާއާ އެކު އިންޑިއާ ދަމަހައްޓާ ގާތް ގުޅުމުގެ ސަބަބުން، އެމެރިކާ ކިތަންމެ ކަމުނުދާ ކަމެއް ނަމަވެސް، އިންޑިއާ ރުޅިއަތުވެދާނެ ވާހަކަތަކެއް ނުދައްކާނެ އެވެ. އޭގެ ބަދަލުގައި ޑިޕްލޮމެޓިކު އުސޫލުތަކުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނީ އެވެ.
ދެ ވަޒީރުންގެ ބައްދަލުވުމަށްފަހު ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި މުޅިހެން ދައްކާފައި ހުރީ ދެ ގައުމުގެ ގުޅިގެން ކުރިއަށް ގެންދަން ރާވާފައި ހުރި ޕްރޮގްރާމްތަކާއި އިގުތިސާދީ އަދި ސަލާމަތީ ފިޔަވަޅުތަކުގެ ވާހަކަ އެވެ. އަދި އިންޑިއާގައި މިދާކަށް ދުވަހު އޮތް ޖީ20 ބައްދަލުވުމުގެ ނަތީޖާއާ ބެހޭ ގޮތުން ބްލިންކެން -- ޖައިޝަންކަރާ ސުވާލުކުރެއްވި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.
މެދުއިރުމަތީގައި އިންޑިއާ އަދާކުރާ ދައުރާ ބެހޭ ގޮތުން އަދި ޔޫރަޕާ އެކު ބާއްވާ ގުޅުމާ ބެހޭ ގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.
އެމެރިކާއާއި އިންޑިއާ އަކީ އަހަރަކު އެތައް ފަހަރަކު ބައްދަލުކޮށް މަޝްވަރާކުރާ ދެ ގައުމެވެ. ދެ ގައުމުގެ ގާތްކަމުން ފެށިގެން ގޮސް ދެ ގައުމަށް އެއްގޮތް ވާދަވެރިންނާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެ އެވެ.