ދުނިޔެ

ކެނެޑާގައި ހުންނަވާ އިންޑިއާ ސަފީރު ގައުމަށް

ކެނެޑާގައި ދިރިއުޅޭ ސިކުންގެ ލީޑަރެއް ކަމަށްވާ ހަރްދީފް ސިންގް ނިއްޖާރު މަރާލި މައްސަލަ އިންޑިއާ ބޮލުގައި އޮތީ އެޅިފަ އެވެ. އޭނާ މަރާލުމުގައި އިންޑިއާގެ އަތެއް އޮތްކަން އިންޓެލިޖެންސަށް އެނގިފައިވާ ކަމަށް ކެނެޑާއިން ބުނެ އެވެ.

އިންޑިއާ އާއި ކެނެޑާއާ ދެމެދުގައި އޮތް ގާތް ގުޅުން މި ކަމަކާ ހެދި ވަނީ ބަލިކަށިވެ ބުރޫއަރާފަ އެވެ.

ދެ ގައުމު ދެގައުމަށް ސަފީރުން ބޭރުކޮށް ބަހުގެ ހަނގުރާމައެއްގައި ކޮޅު ބެދިފައި އޮންނަތާ އަހަރަކަށް ވުރެ ވަނީ އިތުރުވެފަ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކެނެޑާގައި ހުންނަވާ ސަފީރު ސަންޖޭ ކުރާމު ވަރުމާ އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ވާނީ ދަންނަވާފަ އެވެ.

ސަފީރުގެ އިތުރުން އެމްބަސީގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުން ވެސް ގައުމަށް ގެންނަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ.

ކެނެޑާ ތުހުމަތުކުރާ ގޮތުގައި ހަރްދީޕްގެ މަރަކީ އިންޑިއާއިން ރާވައިގެން ކުރި ކަމެކެވެ. މިކަމުގައި ކެނެޑާގައި ހުންނަ އިންޑިއާ އެމްބަސީގެ ދައުރެއް އޮންނާނެ ކަމަށް ކެނެޑާ އިން ދެކެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެނެޑާގެ ތަހުގީގީ އިދާރާތަކުން އިންޑިއާގެ ސަފީރަށް ދަނީ ފާރަލަމުންނެވެ. އަދި ހަރްދީޕްގެ މަރާ ބެހޭ ގޮތުން ސަފީރަށް މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާ ކަމަށް ކެނެޑާ އިން ގަބޫލުކުރެ އެވެ.

އިންޑިއާ ދެކޭ ގޮތުގައި ހަރްދީޕްގެ މަރަކީ އިންޑިއާއާ މެދު ބަޔަކު ހީކުރާ ނުބައި ހީކުރުމެކެވެ. އިންޑިއާ ބަދުނާމުކޮށް ސަފުން ބޭރުކުރިއެއް ކަމަކު ހަރްދީފްގެ މަރު، އިންޑިއާއާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުގައި އިންޑިއާއިން އިންކާރުކުރި ނަމަވެސް ހަރްދީޕްގެ މަރު ސާބިތުކުރެވޭ ވަރަށް އިންޓެލިޖެންސަށް ހުރީ މައުލޫމާތު ލިބިފަ އެވެ.

އިންޑިއާ ބުނާ ގޮތުން ކެނެޑާގެ ތުހުމަތަށް ދައްކާނެ ހެއްކެއް ނެތެވެ. ހެކި ދެއްކުމަށް ރަސްމީ ޗެނަލްތަކުން އެދިފައިވާއިރު މިއަދާ ހަމައަށްވެސް އެއްވެސް ވަރަކަށް ހެކި ދެއްކިފައި ނުވާ ކަމަށް އިންޑިއާ ބުނެ އެވެ.

ކެނެޑާގައި ތިބި އިންޑިއާގެ ސަފީރުން ގައުމަށް ގެންނަ ސަބަބަކީ ކެނެޑާ ސަރުކާރަށް އިތުބާރު ނުކުރެވޭތީ ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުންޏެވެ.