އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓަކު އޮކްޓޯބަރު 10ގެ ކުރިން އަނބުރާ ކެނެޑާއަށް ގެންދިއުމަަށް އިންޑިއާ އިން އޮތީ އަންގާފަ އެވެ.
އިންޑިއާގެ މި އެންގުމަށް ބޯލަނބައި ކެނެޑާއަށް 41 ޑިޕްލޮމެޓަކު ގެންގޮސްފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން އިންޑިއާގައި ކެނެޑާގެ 62 ޑިޕްލޮމެޓުން ތިބެ އެވެ. އިންޑިއާ އިން އަންގާފައި އޮތީ ޑިޕްލޮމެޓުންގެ އަދަދު 21 އަށް މަދުކުރުމަށެވެ.
އިންޑިއާ އާއި ކެނެޑާއާ ދެމެދު އުދާސްވެގެން މިއުޅެނީ ކެނެޑާގައި ރަށްވެެހިކަން ހޯދައިގެން ދިރިއުޅެމުން ދިޔަ ހަރުދީޕް ސިންގް ނިއްޖާރު ނަމަކަށް ކިޔާ ސިކެއް މަރާލުމާ ގުޅިގެންނެވެ. ކެނެޑާ ބުނާ ގޮތުން އިންޑިއާގެ އަތެއް އެކަމުގައި އެބައޮތެވެ.
ނިއްޖާރަކީ އިންޑިއާ ދެކޭ ގޮތުގައި ޓެރަރިސްޓެކެވެ. އޭނާ އަކީ ޕަންޖާބުގައި ސިކުންނަށް އަމިއްލަ ދައުލަތެއް އުފެއްދުމަށް ގޮވާލައި ވާކާލާތުކުރާ ސިޔާސީ ލީޑަރެކެވެ. ނަމަވެސް އިންޑިއާއިން ބުނަނީ ނިއްޖާރު މަރާލުމުގައި އިންޑިއާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އިންޑިއާ އިން ބޭރުކުރަން އެންގި އަދަދަށް ވުރެ އިތުރަށް އޮކްޓޯބަރު 10 އަށް ފަހު އިންޑިއާގައި ތިބޭ ޑިޕްލޮމެޓުންނަށް -- އެ ބޭފުޅުންނަށް ދޫކޮށްފައި އޮންނަ ޑިޕްލޮމެޓިކް ލުއިފަސޭހަތައް އަތުލާނެ ކަމަށް އިންޑީ އޮތީ އަންގާފަ އެވެ.
އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މިދާކަށް ދުވަހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުގައި -- ހަރްދީޕްގެ މަރާ ބެހޭ ގޮތުން ކެނެޑާއިން އެ ދައްކާ ހެކިތައް މުރާޖާކުރައްވަންތޯ -- ދެންނެވި ސުވާލަށް އޭނާ ވިދާޅުވީ ބައެއްގެ އަތުގައި އެހާ ވަރުގަދަ ހެކިތަކެއް ހުރި ކަމަށް ބުނާނަމަ އެކަމެއްގެ ދޮގު ތެދު އިންޑިއާ ބަލާނެ ކަމަށެވެ.
ކެނެޑާ ބުނާ ގޮތުން ހަރްދީޕް މަރާލީ އެ ގައުމަށް ދަތުރުކުރި އިންޑިއާ ސަރުކާރުގެ އޭޖެންޓުން ތަކެކެވެ.
އިންޑިއާ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.
ކެނެޑާގެ މި ތުހުމަތާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހަރާބުވެފަ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ދެ ގައުމު ދެ ގައުމަށް ސަފީރުން ބޭރުކޮށް ވިސާ ދަތިކުރުމާ ހަމައަށް މަސްރަހު މިއޮތީ ގޯސްވެފަ އެވެ.