އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓަކު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އެ ގައުމަށް އިންޑިއާ އިން އަންގާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެފި އެވެ.
އިންޑިއާއާ ކެނެޑާއާ ދެމެދު ކުނިޖެހިގެން މިއުޅެނީ ކެނެޑާގައި ރަށްވެެހިކަން ހޯދައިގެން ދިރިއުޅެމުން ދިޔަ ސިކެއް ކަމަށްވާ ހަރުދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާގެ އަތެއް އޮތް ކަމަށް ވިދާޅުވެ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
ނިއްޖާރަކީ އިންޑިއާ ދެކޭ ގޮތުގައި ޓެރަރިސްޓެކެވެ. އޭނާ އަކީ ޕަންޖާބުގައި ސިކުންނަށް އަމިއްލަވަންތަ ދައުލަތެއް އުފެއްދުމަށް ގޮވާލައި ވާކާލާތުކުރަ ބައިގަނޑަކަށް ނިސްބަތްވާ ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. ނަމަވެސް، އިންޑިއާއިން ބުނަނީ ނިއްޖާރު މަރާލުމުގައި އިންޑިއާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
މި މައްސަލައާ ގުޅުން ހުރި މީހަކު ފައިނޭޝަލް ޓައިމްސްއަށް ކިޔައިދިން ގޮތުގައި އޮކްޓޯބަރު 10 އަށް ފަހު އިންޑިއާގައި ތިބޭ ޑިޕްލޮމެޓުންނަށް -- ދޫކޮށްފައި އޮންނަ ޑިޕްލޮމެޓިކް ލުއިފަސޭހަތައް އަތުލާނެ އެވެ.
ފައިނޭޝަލް ޓައިމްސް ބުނާ ގޮތުން އިންޑިއާގައި ކެނެޑާގެ 62 ޑިޕްލޮމެޓުން ތިބެ އެވެ. އިންޑިއާއިން އަންގާފައި އޮތީ ޑިޕްލޮމެޓުންގެ އަދަދު 21 އަށް މަދުކުރުމަށެވެ.
އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ނިއުޔޯކަށް ކުރެއްވި ދަތުރުގައި -- ހަރްދީޕްގެ މަރާ ބެހޭ ގޮތުން ކެނެޑާއިން އެ ދައްކާ ހެކިތައް މުރާޖާކުރައްވާނަންތޯ -- ދެންނެވި ސުވާލަށް އޭނާ ވިދާޅުވީ ބައެއްގެ އަތުގައި އެހާ ވަރުގަދަ ހެކިތަކެއް ހުރި ކަމަށް ބުނާނަމަ އެކަމެއްގެ ދޮގު ތެދު އިންޑިއާއިން ބަލާނެ ކަމަށެވެ.
ކެނެޑާ ބުނާ ގޮތުން ހަރްދީޕް މަރާލީ އެ ގައުމަށް ދަތުރުކުރި އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެކެވެ.
އިންޑިއާ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.
ކެނެޑާގެ މި ތުހުމަތާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހަރާބުވެފަ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ދެ ގައުމު ދެ ގައުމަށް ސަފީރުން ބޭރުކޮށް ވިސާ ދަތިކުރުމާ ހަމައަށް މަސްރަހު މިއޮތީ ގޯސްވެފަ އެވެ.