ދުނިޔެ

ކެނެޑާ މެދުވެރިކޮށް އެމެރިކާ، އިންޑިއާއަށް އަދަބުދެނީ

ދުނިޔޭގެ ސިޔާސަތުގައި މިއަދު އެންމެ މޮޅަށް ކުޅޭ ގައުމަކީ އިންޑިއާ އެވެ. މިއީ ވަރަށް ގިނަ ބަޔަކު އެއްބަސްވާ ހަގީގަތެކެވެ.

ދުނިޔެއަށް ލައިގަތް ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އިންޑިއާ ރޭވީ މޮޅު ރޭވުންތަކެކެވެ. ދުނިޔެއަށް މިހާރު ލައިގެންފައި އޮތް އެންމެ ބޮޑު މައްސަލަ -- ޔުކްރޭން ހަނގުރާމާގައި އިންޑިއާ އިޚުތިޔާރުކުރި ގައުމަށް އެންމެ ރަނގަޅު ގޮތެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ދުނިޔެ ދެ ބަޔަކަށް ބެހެވިގެން ދިޔަ އެވެ. އެއްބަޔަކު ތާއީދުކުރީ ޔުކްރޭނަށެވެ. އަނެއް ބަޔަކު އިޚުތިޔާރުކުރީ އަމިއްލަ ގައުމަށް އެންމެ ހެޔޮ ގޮތެވެ.

އިންޑިއާ ހިމެނެނީ އަމިއްލަ ގައުމަށް ހެޔޮ ގޮތް ވުމަށް ވާކާލާތުކުރި ގައުމުތަކުގެ ތެރޭގަ އެވެ.

ޔުކްރޭނަށް ތާއީދުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި މުޅި ޔޫރަޕެވެ. ޔޫރަޕްގެ ގައުމުތަކުން ޔުކްރޭން ކޮޅަށް އަރަން ޖެހުނީ އެމެރިކާ ބުނެގެން -- ބިރުންނެވެ. އެ ނޫން ގޮތެއް ނެތިގެންނެވެ.

އެމެރިކާ ބުނެގެން ޔުކްރޭނަށް ތާއީދުކޮށް، ހަނގުރާމައަށް ހަރަދުކުރި ގައުމުތަކުން މިހާރު އުޅެނީ އެކަމުން މިންޖު ނުވެވިގެންނެވެ. މި ގައުމުތަކުގެ އިގުތިސާދު ވަނީ ވިސްނަން ޖެހޭ ވަރަށް އަޑިއަޅާލާފަ އެވެ. އެމެރިކާއާށް ނުގުޑި ގައުމަކީ އިންޑިއާ އެވެ.

ރަޝިއާ ބަލިކުރުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރުން ކަމަށް ބަލައި -- ރަޝިއާއަށް ދަތިކުރަން ބައިވެރިންނަށް އެމެރިކާ ގޮވާލި އެވެ. އެކަމަކު މިގޮވާލުމަށް އިންޑިއާ އިޖާބައެއް ނުދިނެވެ.

އެމެރިކާ ކޮޅަށް އިންޑިއާ ލަންބާލެވޭތޯ އެމެރިކާ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު، ލޮއިޑް އޮސްޓިން އިންޑާއަށް ވަޑައިގަތެވެ. ދިފާއީ މަޝްވަރާތަކެއް ކުރެވުނެވެ. އެކަމަކުވެސް، އެމެރިކާ އެދުނު ގޮތަށް ރަޝިއާއާ އެކު ވިޔަފާރިކުރުން އިންޑިއާ ހުއްޓައެއް ނުލި އެވެ.

އެމެރިކާގެ މާލީ ވަޒީރު، ޖެނެޓް ޔެލެން އިންޑިއާށް ވަޑައިގަތެވެ. މަޝްވަރާތަކެއް ކުރެވުނެވެ. އެކަމަކުވެސް، އެމެރިކާ ކޮޅަށް އިންޑިއާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.

ކެނެޑާގައި ވަޒަންވެރިވެގެން އުޅޭ ހަރްދީޕް ސިންގް ނިއްޖާރު ނަމަކަށް ކިޔާ ސިކުންގެ ސިޔާސީ ލީޑަރަކު މިހާރު އެ އުޅެނީ މަރާލައިގެންނެވެ. އޭނާގެ މަރު ކެނެޑާއިން އޮތީ އިންޑިއާގައި ގުޅުވާފަ އެވެ. އޭނާ މަރާލި ކަމަށް ބުނަނީ އިންޑިއާ ސަރުކާރުން ކެނެޑާއަށް ފޮނުވި އޭޖެންޓްތަކެކެވެ.

މި މައްސަލާގައި، ކެނެޑާ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ޚަރާބުވެފަ އެވެ. ކެނެޑާ ބުނާ ގޮތުން މިކަމުގެ ޒިންމާ އިންޑިއާ ނަގަން ޖެހެ އެވެ. އަދި މި ހާދިސާ ހިނގާ ދިޔަގޮތް ތަހުގީގަށް ކިޔައިދޭން ޖެހެ އެވެ.

މިއީ އެމެރިކާ ބުނެގެން ކެނެޑާ ކުރާ ކަމެވެ. ސަބަބަކީ ކެނެޑާއަށް މި ވަރުގެ ބާރުވެރިކަމެއް ލިބިގެން ނޫން ގޮތަކަށް އިންޑިއާއާ ކުޅެން ނުކެރޭނެތީ އެވެ.

އެމެރިކާގެ ރޭވުމަކީ އިންޑިއާ، އެމެރިކާ ކޮޅަށް އަނބުރާލުމެވެ. ދުނިޔޭގެ ސިޔާސަތުގައި އިންޑިއާއަށް ހެޔޮ ގޮތް ދޫކޮށް އެމެރިކާ ބުނާ ގޮތަށް އެނބުރުމެވެ.

އެމެރިކާ އަކީ ރައްޓެހިން ބޭނުންވާ ގައުމެއް ނޫނެވެ. ދުޝްމަނުން ބޭނުންވާ ގައުމެއް ވެސް ނޫނެވެ. އެ ވަގުތެއްގައި ޝައުގުވެރިކަން އޮތް ކަމެއްގައި -- އެ ވަގުތެއްގައި އެމެރިކާއަށް ފައިދާ ބޮޑު ގޮތް އިޚުތިޔާރުކުރާ ގައުމެވެ. އެކަމެއް ނިމުމުން، އަތް ފޮޅާލާފައި އެނބުރިދާ ގައުމެކެވެ.

އެމެރިކާއިން ދުނިޔޭގެ ސިޔާސަތު އަނބުރާލާ ގޮތް އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު މިއީ އެމެރިކާ އަޑީގައި އޮވެގެން ކުރުވާ ކަމެއްކަން އާންމުންނަކަށް ނޭނގޭނެ އެވެ.

އެމެރިކާގެ އަނެއް ބޭނުމަކީ އިންޑިއާ މެދުވެރިކޮށް ބްރިކްސް ޖަމާއަތް ރޫޅާލުމެވެ. އިންޑިއާއިން ފަނިހަދައިފިނަމަ ދުނިޔޭގެ ވަރަށް ގިނަ ކަންތައްތައް ފަނިވާނެކަން އެމެރިކާއަށް އެނގެ އެވެ.