ދުނިޔެ

ބައިޑެން ވީޑިއޯ މެދުވެރިކޮށް މޯދީއާ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވީޑިއޯ މެދުވެރިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލު ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ދެ ލީޑަރުން މަޝްވަރާ ކުރައްވާ މައުލޫތަކުގެ ތެރޭގައި ކޮވިޑާއި މޫސުމަށް އަންނަ ބަދަލުތައް، ދުނިޔޭގެ އިގުތިސޯދާއި އިންޑޯޕެސިފިކް އަދި ޔުކްރޭން ހަނގުރާމަ ހިމެނެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވި ގޮތުގައި ދެ ލީޑަރުން އަބަދުވެސް ދޭތެރެ ދޭތެރެއިން ބައްދަލު ކުރައްވަ އެވެ. އެއީ ދެ ސަރުކާރު އެކުވެރި ވުމަށާއި އެއްބާރުލުމަށް އަދި ވިސްނާ ގޮތް -- ބައިނަލްއަގްވާމީ މަޝްރަހަށް ފިކުރު ހިންގާ ގޮތް އެއްގޮތް ކުރުމަށެވެ.

ބައިޑަން، މޯދީއާ ބައްދަލު ކުރައްވާއިރު އެމެރިކާއަށް ކޮވިޑަށް ވުރެ ބޮޑުވެފައި ވަނީ ރަޝިއާ - ޔުކްރޭން މައްސަލާގައި އިންޑިއާ ދެކޭ ގޮތެެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް މުޅި ދުނިޔެ ކުށްވެރި ކުރާއިރު، ރަޝިއާ ކަންބޮޑު ވެދާނެ އެއްވެސް ކަމެއް އިންޑިއާއިން ނުކުރެ އެވެ. އަނެއްކޮޅުން އިންޑިއާ ފެންނަނީ ރަޝިއާއާ ވަރަށް ގާތްކޮށް ހިތާތީ އެވެ.

އިންޑިއާއިން ރަޝިއާގެ ހަކަތަ ގަންނަން އެއްބަސްވުމާއި ރަޝިއާއާ ގުޅިގެން ދިފާއީ މަޝްރޫއުތައް ހިންގަން އެއްބަސްވުމަކީ އެމެރިކާއަށް ބަލަހައްޓައިގެން އޮންނަން ދަތި ކަންތައްތަކެކެވެ.

ޖެން ސާކީ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ބައިޑަން ދެކެވަޑައިގަންނަވާ ގޮތް މޯދީއަށް ދަންނަވާނެ އެވެ. އަދި ދަތިކުރަން ވިސްނާ ގޮތް ވެސް ދަންނަވާނެ އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މޯދީއާ ބައްދަލު ކުރައްވައި ބައިޑަން މި މައުލޫއަށް ވެސް އަލިއަޅުއްވާ ލައްވާނެ އެވެ.

އިންޑިއާ ރުއްސައި އެމެރިކާ ކޮޅަށް އަނބުރާލުމަށް އެމެރިކާ ބައެއް އެހެން ކަންތައްތައް ވިސްނާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު އަދި ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގްއާ ބައްދަލު ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.