ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މި މަހު ފަހުކޮޅު އެމެރިކާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހު ފަހުކޮޅު އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދައުވަތަކަށް ބޮޑުވަޒީރު ކުރައްވާ ދަތުރެކެވެ. މި ދަތުރަކީ އިންޑިއާ އަށް ވުރެ ބޮޑަށް އެމެރިކާ އަށް މުހިންމު ދަތުރެކެވެ.

މޯދީ މީގެ ކުރިން ސެޕްޓެމްބަރު 24، 2021 ގައި ވެސް ވަނީ އެމެރިކާއަށް ވަޑައިގެން ވައިޓް ހައުސްގައި ޖޯ ބައިޑަންއާ ބައްދަލުކުރައްވާފަ އެވެ.

އަދި ވަކި ތާރީޚެއް ކަނޑައެޅިފައި ނެތް މި ދަތުރަށް ދެ ގައުމުގެ އޮފީޝަލުން ވަނީ ތައްޔާރުވާން ފަށާފަ އެވެ. މި ގޮތުން ހިނގާ އެންމެ މުހިންމު ކަމަކީ ޖޯ ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ ޚާއްސަ މުޝީރު، ޖޭކް ސުލިވާން އިންޑިއާ އަށް ވަޑައިގަތުމެވެ.

އިންޑިއާ އަކީ އެމެރިކާ އަށް ވަރަށް މުހިންމު ގައުމެކެވެ. މިއީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮންނަ ޖުމުލައަކަށް ވުމަށް ވުރެ ހަގީގީ މާނައެއް ދޭހަވާން އެމެރިކާ އެދެ އެވެ.

އެމެރިކާ އަށް އިންޑިއާ މުހިނމު ވަނީ ދުނިޔޭގެ ސިޔާސީ ތިލަފަތް އެމެރިކާ ކޮޅަށް ބަރުކުރުމަށެވެ. އެމެރިކާގެ ވާދަވެރިންނާ ކުރިމަތިލުމުގައި އިންޑިއާ އަކީ އެމެރިކާ އަށް އަގު ބޮޑު މުދަލަކެވެ.

ނަރެންދުރަ މޯދީ އެމެރިކާ އަށް ވަޑައިގެން ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވާނެ އެވެ. މި ލީޑަރުންގެ ބައްދަލުވުމުގައި ހިނގައިދާނެ ހުރިހައި ކަމެއް މިހާރު ވަނީ ލިޔެ ނިމިވި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިންޑިއާ އަށް މިދާކަށް ދުވަހު ވަޑައިގެން އެ ގައުމުގެ ދިފާއީ ވަޒިރު ރަޖުނާތު ސިންގްއާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ދެ ވަޒީރުން މަޝްވަރާ ކުރައްވައި އެކުލަވާލެއްވި ބައެއް އެއްބަސްވުން ތަކުގައި -- ވޮޝިންގްޓަނަށް ވަޑައިގެން މޯދީ ސޮއިކުރައްވާނެ އެވެ.

މޯދީގެ މި ދަތުރަކީ އާދައިގެ މީހެއްގެ ވިސްނުމުގައި، އެމެރިކާއާ އެކު އޮންނަ ގާތް ގުޅުމުން ރަމްޒުކޮށްދޭ ދަތުރެކެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެންމެ ބާރުގަދަ ދެ ޑިމޮކްރަސީ އެއް މޭޒުދޮށުގައި އާދައިގެ ސައްލާއެއް ނުކުރައްވާނެ އެވެ.

މޯދީ އެމެރިކާއަށް ވަޑައިގަތުމަށް ބައިޑަން ދައުވަތު ދެއްވުމުގެ އެއް ބޭނުމަކީ ރަޝިއާ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުން އެމެރިކާ ކޮޅަށް އަނބުރާލުމެވެ.

ޗައިނާގެ ކިބައިން ޓައިވާން ސަލާމަތްކޮށް އެމެރިކާއަށް ބަރޯސާކުރެވޭ ވަރުގެ އަސްކަރީ ބާރަކަށް ހެދުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގައި އިންޑިއާ ބައިވެރިވެ އަތްޖެހުމަކީ ވެސް އެމެރިކާގެ އެދުމެކެވެ.

އިންޑޯ ޕެސިފިކަށް ނޭޓޯ ފުޅާކޮށް އެ ޖަމާއަތު މެމްބަރުކަން އޮސްޓްރޭލިއާ އަށާއި އިންޑިއާ އަށް، ޖަޕާނަށް އަދި ދެކުނު ކޮރެއާއަށް ދިނުމަކީ ވެސް ކޮފީ މޭޒަކުން ނިންމާލެވޭ ވަރަށް މުރެ ބިރު ބޮޑު މައުލޫތަކެކެވެ.

ނަރެންދުރަ މޯދީ އާއި ޖޯ ބައިޑަންގެ ބައްދަލުވުމާ ބެހޭ ވާހަކަތައް ޖެހިގެން އަންނަ ދުވަހު ނޫސްތަކަށް ނޭރި ނަމަވެސް މި ދެ ލީޑަރުން ކުރައްވާ މަޝްވަރާތައް -- ގަލަމުދެލި ފެނަށް ފޭދިގެންދާ ފަދައިން، އޭގެ އަސަރު ޒަމާންތަކަށް ފެތުރިގެން ދާނެ އެވެ.

އަދި މި ބައްދަލުވުމުގައި އިންޑިއާއިން އިޚުތިޔާރުކުރާ ގޮތަކުން ދުނިޔޭގެ ޖިއޯ ޕޮލިޓިކްސް މިހާރު އޮތް ފާލުން ނެއްޓުމަކީ ވަރަށް ގާތް ގޮތެކެވެ.

އެހެން ނަމަވެސް، ސިޔާސީ މަސްރަހަށް ބަލަހައްޓައިގެން ހުންނަ މީހަކަށް މިހާރު ފެންނަނީ ދުނިޔޭގެ ސިޔާސަތުގައި އިންޑިއާ ވަރަށް މޮޅަށް ކުޅޭ ތަނެވެ.

ދުނިޔޭގެ މަސްލަހަތަށް އިންޑިއާ ވަރަށް ބޮޑަށް އިސްކަންދޭތަން ވެސް ފެނެ އެވެ.