ދުނިޔެ

އެމެރިކާ ސިފައިން އިރުމަތީ ޔޫރަޕަށް

އިރުމަތީ ޔޫރަޕަށާއި ނޭޓޯ ގައުމުތަކަށް ސިފައިން ފޮނުވަން އަމުރު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅު ވެއްޖެ އެވެ.

ޖޯ ބައިޑަން މިހެން ވިދާޅުވިއިރު ޕެންޓަގަނުން އޮތީ 8،500 ސިފައިން ކުއްލި ހާލަތަށް ގެނެސް، ރަޝިއާ އާއި ޔުކްރޭން މަޝްރަހަށް ސަމާލުވާން އަންގާފަ އެވެ.

ބައިޑަން ވިދާޅުވި ގޮތުން އިރުމަތީ ޔޫރަޕަށް އަދި އެހާ ގިނަ ސިފައިން ނުފޮނުވާނެ އެވެ. އެހެން ނަމަވެސް ހާލަތަށް ތައްޔާރުވެވޭ ވަރަށް އެ ސަރަހައްދުގައި ސިފައިން ތިބޭނެ އެވެ.

ނޭޓޯ ގައުމުތަކުގައި ވެސް އެމެރިކާ ސިފައިން ކޮންމެވެސް ވަރަކަށް ތިބެން ޖެހޭ ކަމަށް ބައިޑަން ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްހަރަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ވަރަށް ސިފައިން ތިބެން ޖެހޭނެ ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭން މައްސަލާގައި އެމެރިކާ ޝާމިލްވާން ޖެހޭ ނަމަ ތައްޔާރަށް ތިބޭނެ ކަމަށް ޕެންޓަގަނުން އޮތީ ބުނެފަ އެވެ. ހަނގުރާމަ ކުރުމަކީ އިހުތިޔާރެއް ނޫން ކަމަށާއި ހަރަކާތްތެރިވާން ޖެހޭ ގޮތް ކަނޑައަޅާނީ ހާލަތު ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ޑިފެންސް ޑިޕާޓްމަންޓްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުން ފުރަތަމަ ބުރުގައި ފޮނުވާ ސިފައިން ގާއިމުވެ ތިބޭނީ ބިމުގަ އެވެ. އެމީހުންގެ މަސައްކަތަކަށް އޮންނާނީ ޖާސޫސް ކުރުން އަދި ހާލަތު އަންދާޒާކުރުން ފަދަ މަސައްކަތްއް ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ތެރެއަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުން ވަނީ ފިސާރި ރަނގަޅަށް ވަދެފަ އެވެ. އެ ގައުމުތަކުން ގެންދަނީ އަސްކަރީ ގޮތުންނާއި މާލީ ގޮތުން ޔުކްރާނަށް އެހީތެރިވެ ރަޝިއާއާ ކުރިމަތިލުމަށް ކޯޗް ކޮށްދެމުންނެވެ.

ދުނިޔޭގައި މީގެ ކުރިން އެމެރިކާއަށް އޮތް ބާރު ބައިބައި ވެ، މުށުން ދޫވާން ފެށުމާއެކު އެމެރިކާއިން ވަނީ ނޭޓޯ ބޮލަށް ވަދެ ވާފުރާފަ އެވެ. ނޭޓޯ ގައުމުތަކުން ދުނިޔޭގައި މިހާރު އެކުޅެނީ އެމެރިކާ ކޮޅަށް އެމެރިކާގެ އަމިއްލަ އެޖެންޑާއެއް ހާސިލް ކުރުމަށެވެ.

ރަޝިއާ އާއި ޗައިނާ އަދި ތުރުކީ ފަދަ ގައުމުތަކުން ދުނިޔޭގެ މަޝްރަހަށް ނުކުމެ ދުއްވައި ގަތުމުން އެމެރިކާއިން ކޮލުދަތުން ހިފަހައްޓާފައި ހުރި ބާރުތައް ވަނީ ދޫވެގެން ގޮސްފަ އެވެ.

ނޭޓޯ ލައްވައި މިހާރު ކުރާ މަސައްކަތަކީ ގެއްލި ގޮސްފައިވާ ބާރުތައް އަލުން ހޯދަން އެމެރިކާއަށް ކޮންމެހެން ވެސް ކުރަން ޖެހިފައި ހުރި މަސައްކަތްތަކެކެވެ.