ދުނިޔެ

ލަންކާގެ އާއިލާއަކަށް ވަޅިން ހަމަލާދީ ހަ މެމްބަރަކު މަރާލައިފި

ކެނެޑާގެ ވެރި ރަށް އޮޓާވާގައި ދިރިއުޅޭ ސްރީ ލަންކާ އާއިލާ އަކަށް ވަޅިން ހަމަލާދީ އެ އާއިލާގެ ހަ މެމްބަރަކު މަރާލައިފި އެވެ.

މަރުވި މީހުންގެ ތެރޭގައި މަންމަ އާއި ހަތަރު ކުދިން ވެސް ހިމެނެ އެވެ.

ވަޅިން ހަމަލާދީ މަރާލި ހަވަނަ މީހާ އަކީ އެ އާއިލާ ވަރަށް ރަނގަޅަށް ދަންނަ، އާއިލާގެ ގާތް އެކުވެރި 40 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން ފެބްރިއޯ ޑީ ސޮއިޒާ ނަމަކަށް ކިޔާ 19 އަހަރުގެ ޒުވާން ފިރިހެނަކު ކެނެޑާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ އެ އާއިލާއާ އެކު އެއް ގެއެއްގައި ދިރިއުޅުނު ކުއްޖެކެވެ.

މި ހާދިސާގައި އެ އާއިލާގެ ބައްޕަ ވަނީ ސަލާމަތްވެފަ އެވެ. އެކަމަކު ޒަހަމްތަކަށް ފަރުވާދިނުމަށް އޮތީ ހޮސްޕިޓަލުގަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ މިއީ އިންސާނިއްޔަތު ދަންނަ ސިފައެއް ނޫން ކަމަށެވެ. މި ހަބަރު ލިބިވަޑައިގެން ވަރަށް ބޮޑަށް ސިހިވަޑައިގެން އަދި އެހައި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވ.ެ

ފުލުހުން ބުނާ ގޮތުން ފެބްރިއޯ ޑީ ސޮއިޒާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީ ހަ މީހަކު މެރިކަމުގެ ދައުވާ އުފުލާވައިވާ ކަމަށްވެސް އަމަން ބަލަހައްޓާ ފުލުހުން ބުންޏެވެ.

އޮޓާވާގެ ފުލުހުންނާ ހަވާލާދީ ޓީވީ ހަބަރުތައް ބުނާ ގޮތުން، އެ އާއިލާގައި މައްސަލައެެއް އުޅޭކަން މީގެ ކުރިން އެއްވެސް އިދާރާއަކަށް އަންގާފައެއް ނުވެ އެވެ. އަދި އެ މީހުން ގާތިލާ ބެހޭ ޝަކުވާ އެއް މީގެ ކުރިން ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.

ކެނެޑާގެ ވެރި ރަށް އޮޓާވާ އަކީ ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އާބާދީ އެކެވެ. ނަމަވެސް އެއީ ކުށް މަދު ވެއްޓެއް ކަމަށް ލޭބަލް ކުރެވޭކަށް ނެތެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ގައި އޮޓާވާގައި 14 މީހަކު ވަނީ މަރާފަ އެވެ. އަދި 2022 ގައި 15 މީހަކު ވަނީ މަރާފަ އެވެ. ނަމަވެސް ކެނެޑާ އަކީ މީހުން މެރުން އާންމު ގައުމެއް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފުލުހުންގެ ރެކޯޑްތައް ބަރާބަރަށް ބަލަހައްޓައި ރަށު ތެރެ ވަރަށް ރަނގަޅަށް ބެލެހެއްޓެމުން ދާތީ މިފަދަ ހާދިސާތައް ފެންނަނީ އެވެ. މީގެ ކުރީގައި މިފަދައިން ހިގާފައި ހުރި ބައެއް ހާދިސާތައް ރެކޯޑް ނުކުރެވި ދޫކޮށްލެވިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.