ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ ގްރެގޮއާ ވަރިވަނީ އެވެ. މި ދެމަފިރިން ވަކިވާ ސަބަބެއް އާންމުކޮށްފައި ނެތް ނަމަވެސް މިކަން މިގޮތަށް ހިނގަން އުޅޭކަން ދެމަފިރިން އެކުގައި ވަނީ އިއުލާންކޮށްފަ އެވެ.
ޓްރޫޑޯ އާއި ގްރެގޮއާ ކައިވެންޏަށް 18 އަހަރަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. މި ކައިވެންޏަށް ތިން ދަރިން ވަނީ ލިބިފަޑައިގެންފަ އެވެ.
ދެމަފިރިން ވަކިވުމަށް ގާނޫނީ ގޮތުން ފުރަން ޖެހޭ ފޯމުތައް ވަނީ ފުރާފަ އެވެ. ބޮޑުވަޒީރުގެ އޮފީން ބުނިި ގޮތުން ވަރިއަށްފަހު ވެސް ބެލެނިވެރިންގެ ގޮތުގައި ދަރިން ބެލެހެއްޓުމުގެ މަސްއޫލިއަތު އުފުލާނެ އެވެ.
ޓްރޫޑޯ އާއި ގްރެގޮއާ ކައިވެނި ބައްލަަވައިގަތީ 2005 ގައެވެ. އެއިރު ގްރެގޮއާ އަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ޓްރޫޑޯއަށް ކެނެޑާގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކައިވެންޏަށް 10 އަހަރު ފުރުނު ފަހުން، 2015 ގައެވެ.
ޖަސްޓިން ޓްރޫޑޯގެ ދެމަފިރިން ވަރިއާ ހިސާބަށް މި ދިޔައީ ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމަށް ނޫސްތަކުން ޝައްކުކޮށްގެން އުޅެނިކޮށެވެ. އެއީ ޓްރޫޑޯ ބައިވެރިވެ ވަޑައިގަންނަވާ ރަސްމީ ހަފުލާތަކުން އަނބިކަނބަލުން ފެނިވަޑައި ނުގަންނަވަން ފެށުމުންނެވެ.
މިގޮތުން އެންމެ ބޮޑު ފަރަގެއް ފާޅުވީ މިދާކަށް ދުވަހު ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި އޮތް ނޭޓޯ ސަމިޓްގައި -- މެހެމާނުންނަށް އޮތް ރޭނގަނޑުގެ ފަރީއްކޮޅަކުން އަނބިކަނބަލުން ފެނިވަޑައި ނުގަތުމުންނެވެ.
ޓްރޫޑޯއާ ބެހޭ ގޮތުން ބުނެވެނީ އޭނާ އަކީ އޭނާގެ ބައްޕަގެ ފިޔަވަޅު މަތީގައި ހިންގަވާ ލީޑަރެއް ކަމަށެވެ. އޭނާގެ ބައްޕަ ޕިއާރޭ ކެނެޑާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު 1979 ގައި އަނބިކަނބަލުން މާގަރެޓް ވަރިކުރެއްވި އެވެ. އެހެންކަމުން ކެނެޑާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައި އަނބިކަނބަލުން ވަރިކުރެއްވި ދެވަނަ ބޮޑުވަޒީރުގެ ލަގަބު މިއޮތީ ޓްރޫޑޯއަށް ލިބިވަޑައިގެންފަ އެވެ. ފުރަމަ ލަގަބު އޮތީ ޓްރޫޑޯގެ ބައްޕަ އަށެވެ.
އަނބިކަނބަލުން ވަރިކުރެއްވި ނަމަވެސް ޓްރޫޑޯ ވިދާޅުވި ގޮތުގައި ސިޔާސީ ހަޔާތަކަށް ބަދަލެއް ނާންނާނެ އެވެ. ސަރުކާރު ތެރޭގައި އަދި ގައުމުގައި ހުރި ހަމަނުޖެހުންތައް ފިލުވައި ޕާޓީ ހިންގެވުމުގައި އަވަދިނެތި އުޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.