ދުނިޔެ

ޓްރޫޑޯއަކީ ހަމަނުޖެހުމަށް ހިތްވަރުދެއްވާ ބޭފުޅެއް: އިންޑިއާ

އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯއަކީ ހަރުކަށި ހަރަކާތްކަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ. ހިތްޕުޅަށް އަރާވަޑައިގަންނަވާހާ އެއްޗެއް ވިދާޅުވާން ހައްދަވައިގެން، ދެ ގައުމުގެ ގުޅުން ބަލިކަށި ވެދާނެ ކަމަށް އިންޑިއާއިން ބުނެ އެވެ.

އިންޑިއާ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާ މެދު އިންޑިއާ ދަރުވެރިން ވަރަށް ކަންބޮޑުވެ އެވެ. ދަނޑުވެރިން ދެކޭ ގޮތުގައި އެ ބަދަލުތަކުގެ ސަބަބުން، އެ މީހުން އަތްވާއި ވާރޭގައި ކުރާ މަސައްކަތުން ފައިދާ ވާނީ އެހެން ބަޔަކަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ވަނީ ދަނޑުވެރިންގެ މުދާ ސީދާ ޕްރައިވެޓް ވިޔަފާރިތަކަށް، ދަނޑުވެރިން ބޭނުން އަގެއްގައި ވިއްކޭ ގޮތަށެވެ. ދަނޑުވެރިން ބުނަނީ މި ގޮތަށް ހަމަޖެހިއްޖެ ނަމަ ދަނދުވެރިންގެ މައްޗަށް އަމިއްލަ ކުންފުނިތަކުން ބާރުގަދަ ކުރާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ދަނޑުވެރިން މުދާ ވިއްކަނީ ސީދާ ސަރުކާރަށް، ކަށަވަރު އަގެއްގަ އެވެ.

ދަނޑުވެރިންނަށް އޮތް މި ކަންބޮޑުވުމާ ގުޅިގެން، ޓްރޫޑޯ ވިދާޅުވީ ދަނޑުވެރިންގެ ހިތްހަމަނުޖެހުމާ މެދު ކެނެޑާއިން ކަންބޮޑުވާ ކަމަށެވެ. ޓްރޫޑޯ ވަނީ މަޝްވަރާ ކުރުމުގެ މުހިންމުކަން އިންޑިއާ ސަރުކާރަށް ހަނދާން ކޮށްދީފަ އެވެ.

ޓްރޫޑޯ ދެއްކެވި ވާހަކަތަކާ ގުޅިގެން، ނިއުދިއްލީގައި ހުންނަވާ ކެނެޑާގެ އެމްބެސެޑަރު ވަނީ ހާޒިރުކޮށްފަ އެވެ. އަދި ޓްރޫޑޯއާ އޭނާގެ ކެބިނެޓްގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތައް އިންޑިއާއިން ބަލައި ނުގަންނަކަން އަންގާފަ އެވެ.