ކަޝްމީރުގެ މައްސަލަ

ކަޝްމީރުގެ ކަންކަމާ ޕާކިސްތާނު ބެހިގެން ނުވާނެ: ރާހުލް

ކަޝްމީރުގައި މިހާރު ހިނގަމުންދާ އެއްވެސް ކަމަކާ ޕާކިސްތާނުން ނުވަތަ އެހެން ވެސް ގައުމަކަން ބެހިގެން ނުވާނެ ކަމަށް އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެ އެވެ. ރާހުލް ވިދާޅުވީ، އެއްވެސް ގައުމަކުން ކަޝްމީރުގެ އިންޑިއާއަށްވީ ފަޅީގައި ހިނގާ ކަންކަމާ ބެހި އަމިއްލަ އެޖެންޑާއެއް ހާސިލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލަން ނިންމުމާ ގުޅިގެން، ޕާކިސްތާނުން ވަނީ އިންޑިއާއެކު ހަނގުރާމަ ކުރާން ތައްޔާރު ކަމަށް ބުނެފަ އެވެ. އަދި ކަޝްމީރުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ބައިނަލްއަގްވާމީ ކޯޓަށް ހުށަހަޅައި، ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުންދާ އިންސާނިއްޔާތާ ހިލާފު ކަންކަން ހުއްޓުވުމަށް އދ. ގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

ޕާކިސްތާނުން މިހާރު ވަނީ އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ގުޅުން ވެސް ކަނޑާލައިފަ އެވެ. އަދި ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރު ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ރާހުލް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް އަމާޒުކޮށް ވިދާޅުވީ، ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމުން އެއްވެސް ވަރަކަށް ހަމަނުޖެހުން ހިނގާފައިނުވާ ކަމަށާއި އެކަމަކު ޕާކިސްތާނުން ކަޝްމީރުގެ ކަންތަކާއި ބެހެން ފެށި ހިސާބުން ހަމަނުޖެހުންތައް އުފެދިފައިވާ ކަމަށެވެ.

"ސާފުކޮށް ބުނެލަން ބޭނުން، ކަޝްމީރު މައްސަލައަކީ އިންޑިއާގެ ދާހިލީ ކަމެކޭ. އެކަމާ ބެހުމުގެ ފުރުސަތު ޕާކިސްތާން އަދި އެހެން ގައުމަކަށް ވެސް ނެތް، ކަޝްމީރުގައި ހަމަނުޖެހުން ހިނގަމުން އެބަދޭ! އެކަމަށް ހިތްވަރު ދިނީ ޕާކިސްތާނުން، ޕާކިސްތާނަކީ މުޅި ދުނިޔެއަށް ޓެރަރިޒަމް ފެތުރުމުގައި އިސްކޮށް އުޅޭ ގައުމު!" ރާހުލް ވިދާޅުވި އެވެ.

ހާއްސަ އިމްތިޔާޒުތައް އުވާލުމުން މުސްލިމުން ކަޝްމީރުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށް ބުނެ، އިންޑިއާގެ މައި ސަރުކާރުން ވަނީ، ކަޝްމީރަށް 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން ސިފައިން ވަނީ ކަޝްމީރުގެ މުސްލިމުން ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަން ކަމަށް ބުނެ، ސިފައިން ޕެރެޓް ގަން ބޭނުން ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގެ ފެނުން ވެސް ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ގިނައީ މުސްކުޅިންނާއި ކުޑަ ކުދިންނެވެ.

ކަޝްމީރުގައި ގާއިމްވެ ތިބި ސިފައިން ދަނީ މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ އިންސާނިއްޔަތާ ހިލާފު އަމަލުތަށް ހިންގަމުން ކަމަށް އދގެ ރިޕޯޓެއްގައި ވެސް ވަނީ ބުނެފަ އެވެ. މި ރިޕޯޓަށް މައުލޫމާތު ދިން މީހުންގެ ތެރޭގައި ރާހުލް ވެސް ހިމެނެ އެވެ.