ދުނިޔެ

ޖޭއީއެމްގެ ލީޑަރު ބެލްކްލިސްޓު ކުރަން ޗައިނާ އިން އަނެއްކާވެސް ދެކޮޅުހަދައިފި

Mar 14, 2019

ބެއިޖިންގް (މާޗް 14) - ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި ޖައިޝޭ މުހައްމަދު (ޖޭއީއެމް) ގެ ލީޑަރު އދ. ގެ ޓެރަރިސްޓް ބްލެކްލިސްޓުގައި ހިމެނުމަށް ޗައިނާއިން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.

ދާދި ފަހުން އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމުގެ ފަަހަތުގައިވާ ޖޭއީއެމްގެ ލީޑަރު މައްސޫދު އަޒުހަރު އެ ލިސްޓުގައި ހިމެނުމަށް އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފްރާންސުން ވެސް ވަނީ އެދިފަ އެވެ.

މިއީ އަޒުހަރު އެ ލިސްޓުގައި ހިމެނުމަށް ހުށަހެޅި ތިން ވަނަ ފަހަރެވެ. މީގެ ކުރިންވެސް އެކަމާއި ދެކޮޅު ހެދި ޗައިނާއިން ބުނީ، އަޒުހަރާއި ޖޭއީއެމްގެ ހަރަކާތްތައް ދިރާސާކުރަން އަދި އިތުރު ވަގުތު ބޭނުންވާކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޖޭއީއެމުން ދިން ހަމަލާގައި، 40 އިންޑިއާ ސިފައިން މަރުވުމުން، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުވި އެވެ. ދެ ގައުމުން ވައިގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓަލާއި، އެ ބޯޓުގެ ޕައިލެޓު ޕާކިސްތާނުން ހައްޔަރުކުރި އެވެ. ނަމަވެސް، ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް، އެ ޕައިލެޓު ވަނީ އިންޑިއާ އާ ހަވާލުކޮށްފަ އެވެ.