ދުނިޔެ

އިންޑިއާއާއެކު މަޝްވަރާ ކުރެވޭ ވަރަށްވުރެ މަޝްރަހު ބަނަ: ޕާކިސްތާނު

އިންޑިއާ އާއެކު މަޝްވަރާ މޭޒުދޮށަށް ވަޑައިގެންނެވޭނެ ކަހަލަ މާހައުލެއް މި ވަގުތު ނެތް ކަމަށް، ޕާކިސްތާން ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އަމިއްލަ އަވަށް، މުލްތާންގައި ރިޕޯޓަރުންނާ ކުރިމަތިލައްވަ އެވެ.

"ޑިޕްލޮމެޓިކް މަޝްވަރާތަކަށް ވަލުދޮރެއްހާ ފުރުސަތު ވެސް ނެތް،" ގުރޭޝީ ވިދާޅުވި ކަމަށް "ޑޯން" ނޫހުގައި ބުނެފައިވެ އެވެ. "މި ހާލަތުގައި އެއްވެސް މައުލޫއަކަށް އަލިއަޅުވާލެވޭކަށް ނެތް"

ޕާކިސްތާން – އިންޑިއާ ގުޅުމަށް އަބަދު އޮންނަނީ މިރުސް ދުން ބުރާފަ އެވެ. މޫސުމީ ބަދަލެއްހެން ރާޅުބާނިތައް ހިނދިލާފައި ވެސް އޮވެ އެވެ. އެހެން ނަމަވެސް، ދެ ގައުމުގެ ގުޅުން މިހާރު އޮތް ހާލަތަށް، މޫނުވަތަށް ވެއްޓުނީ ޖަންމޫއާ ކަޝްމީރުގެ މައްސަލާގަ އެވެ.

އިންޑިއާގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓަކީ ޖަންމޫއާ ކަޝްމީރެވެ. މިއީ ލާމަރުކަޒީ ޚާއްސަ ސިފަތަކެއް، މިނިވަންކަމުގެ އިޚްތިޔާރުތަކެއް ދީފައި އޮންނަ ސަރަހައްދެކެވެ. އެހެން ނަމަވެސް، އިންޑިއާގެ ގާނޫން އަސާސީއަށް ބަދަލުގެނެސް މި ހައިސިއްޔަތު މިހާރު ވަނީ ނިގުޅައިގެންފަ އެވެ.

އިންޑިއާގެ ވިސްނުމަކަށް ވެފައި އޮތީ ޖަންމޫއާ ކަޝްމީރު ބައިބައިކޮށްލައި ގާނުން އަސާސީން ލާޒިމްކުރާ ޚާއްސަ އިމްތިޔާޒުތައް ވުޖޫދުން ފޮހެލުމެވެ. އެހެންކަމުން، ޖަންމޫއާ ކަޝްމީރުގައި މިހާރު ހިންގާނީ އިންޑިއާގެ މައި ގާނޫން އަސާސީ އެވެ.

ޕާކިސްތާން ސަރަހައްދު ތެރެއަށް އިންޑިއާގެ ހަނގުރާމަމަތީ ބޯޓްތައް، ފެބްރުއަރީ 26، 2019 ގައި ވަދެގަނެ، ޕާކިސްތާންގެ ތެރެއަށް ބޮންއެޅި މައްސަލަ އަކީ ވެސް މިހެން އަދި ލިޔެލުމަކުން އުދާސްފިލައިގެން ދާވަރުގެ ކަމެއް ނޫނެވެ.

އިންޑިއާއިން ބުނީ ބޮންއެޅީ ޖައިޝޭ މުހައްމަދު ޖަމާއަތުން ހިންގާ ޓެރަރިސްޓް ކޭމްޕަކަށް ކަމަށެވެ. އަދި އެތައް ބަޔަކު މަރައި ސުންނާފަތިކުރެވުނު ކަމަށެވެ. ޕާކިސްތާނުން ބުނީ އެއީ ދޮގެއް ކަމަށެވެ. ބޮމެއް އެޅި ނަމަ ވެއްޓުނީ ހުސް ބިމަކަށް ކަމަށެވެ.