ދުނިޔެ

ޕާކިސްތާނަށް މިސައިލެއް ދިޔަ މައްސަލާގައި އިންޑިއާގެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފި

އިންޑިއާގެ އަސްކަރިއްޔާ އަށް އޮޅިގެން މި އަހަރުގެ މާޗް ނުވަވަނަ ދުވަހު – ހިނގި އެކްސިޑެންޓެއްގައި ޕާކިސްތާނަށް މިސައިލެއް ފޮނުވުނު އެވެ.

އިންޑިއަން އެއާފޯސް އިން އަންގާރަ ދުވަހު ބުނި ގޮތުގައި މި މައްސަލާގައި ޒިންމާވާ ތިން އޮފިސަރަކު މަސައްކަތުން އެކަހެރިކޮށް މިހާރު ވަނީ ވަޒީފާއިން ވަކިކުރެވިފަ އެވެ.

އިންޑިއާ އެއިރު ބުނީ އެއީ އާދައިގެ މަތިން ކުރެވުނު މެއިންޓަނަންސް ޓެސްޓްތަކެއް ކަސިޔާރުވެ ހިނގި އެކްސިޑެންޓެއް ކަމަށެވެ. ހަމަލާއެއް ދިނުމުގެ އެއްވެސް ގަސްތެއް، ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ.

އެ ހާދިސާއަށް ފަސްމަސް ފަހުން އިންޑިއަން އެއާފޯސް އިން މިކަން އިއުލާންކުރީ ޕާކިސްތާނުން އެދިފައި އޮތް ގޮތަށް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަނގަޅަށް ބެލުމަށްފަހު އެވެ.

އިންޑިއާ އަށް ފޮނުވާލެވުނީ ބްރާމޮސް މަރުކާގެ މިސައިލެކެވެ. އެއީ ނިއުކްލިއާ އުފުލޭ ފެންވަރުގެ އަދި ހިކިފަހުން ހިކިފަހަށް ހަމަލާދޭ މިސައިލެކެވެ. މިސައިލް އުފައްދާފައިވަނީ ރަޝިއާ އާއި އިންޑިއާ ގުޅިގެންނެވެ.

މިއީ 300 – 500 ކިލޯ މީޓަރަށް ދަތުރުކުގެ ކުޅަދާނަކަން ހުރި މިސައިލެކެވެ. މާނައަކީ އިންޑިއާގެ އިމުގެ ތެރެއިން ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދަށް ހަމަލާދިނުމަށް މި މިސައިލް ބޭނުންކުރެވިދާނެ ކަމެވެ.

ޕާކިސްތާންގެ އިމުގެ ތެރެއަށް – އާންމުން ނޫޅޭ ސަރަހައްދަކަށް މިސައިލް ވެއްޓުނު ނަމަވެސް ދެ ގައުމުން ކުރެ ގައުމެއްގެ އެކަކަށް ވެސް އަނިޔާއެއް ނުވެ އެވެ. އެހެންކަމުން މި މައްސަލަ ބަލައި ތަހުގީގުކޮށްފައި ވަނީ ދެ ގައުމުން ވެސް ވަރަށް ބޮޑަށް ކެތްތެރިކަން އިސްކޮށް އަދި ދޫދީގެންނެވެ.

އެކަން ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން އިންޑިއާ ސަރުކަރުން އޮތީ ވަރަށް ހަރުކަށި އަމުރެއް ނެރެފަ އެވެ.

ޕާކިސްތާންގައި ހުންނަވާ އިންޑިއާ ސަފީރު ޕާކިސްތާން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެކަން ހިނގައި ދިޔަ ގޮތް ވަރަށް ސީރިއަސްކޮށް ބައްލަވައި ދެއްވުމަށް ޕާކިސްތާނުން ވެސް އޮތީ އެދިފަ އެވެ.