ދުނިޔެ

ޕާކިސްތާނާ އިންޑިއާގެ ގުޅުން ރަނގަޅުވާން އެބަހެޖޭ: ބިލާވަލް

ޕާކިސްތާނާ އިންޑިއާގެ ގުޅުން ބަޔަކު ހީކުރާހާ ބަދަހި ނޫން ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން ރަނގަޅުވާން އުންމީދު ކުރެވޭ ބާރުމިނުގައި އެކަން ވެސް ނުވާ ކަމަށެވެ.

އެހެން ނަމަވެސް، ބިލާވަލް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން އެއްތަށި މަތީގައި ކާންތިބެވޭ ވަރަށް ގާތްވާނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ.

ބިލާވަލް މިހެން ވިދާޅުވީ ސްވިޒަލޭންޑް ޑާވޮސްގައި މިހާރު -- މެއި 22-26 އަށް ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި އޮތް "ޕާކިސްތާން ބްރޭކްފާސްޓް" ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.

އެއީ އަންނަން ޖެހިފައި އޮތް ދުވަހެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ދެ ގައުމު އެކުގައި ބިރެއް ނެތި ތަރައްގީއަށް މަސައްކަތް ކުރެވޭ ޒަމާނެއް ފެންނަން ވެއްޖެ ކަމަށް ވަޒިރު ވިދާޅުި އެވެ.

ޕާކިސްތާނާއި އިންޑިއާގައި ތަރައްގީއަށް ފުރުސަތު އޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިގުތިސޯދީ ގޮތުން ޕާކިސްތާނަށް ހެޔޮ ގޮތް އޮތީވެސް އިންޑިއާއާ ގުޅުން ރަނގަޅު ކޮށްގެން ކަމަށެވެ.

ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިންޑިއާއަކީ ސަރައްދަށް އޮތް ހިމާޔަތެވެ. ސިޔާސީ އެޖެންޑާ އެއްފަރާތް ކޮށްފައި ނަމަވެސް އިންޑިއާ އާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ހަމަ ކޮންމެ ގައުމަކަށް ވެސް އޮތް ބޮޑު ފައިދާއެެކެވެ.

ބިލާވަލް ވިދާޅުވި ގޮތުގައި ސަރަހައްދުގައި ހުރި ނުތަނަވަސްކަން ފިލުވާލެވޭނީ ވެސް އިންޑިއާއާ ގުޅިގެންނެވެ. ޓެރަރިސްޓުންގެ ޖެއްސުންތަކުން ސަރަހައްދު ހިމާޔަތްކޮށް ތާހިރު ޒަމާނަކަށް މަސައްކަތްކުރަން ޖެހިފައި އޮތް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ދެގައުމުގެ ދެމެދުގައި ހުރި ސިޔާސީ ތަފާތުތައް ނައްތާލެވޭ ދުވަހަކަށް ތިބުން ބުއްދިވެރިއެއް ނޫނެވެ. އެކުގައި މަސައްކަތްކުރަން ފެށުމުން މާފުކުރުމާއި ކެތްކުރުން އަދި ހިތްވަރުކުރުމުގެ ތެރެއިން އެތައް ކަމެއް ބާތިލުވެ ގޮސް އެކުވެރިކަމަށް މަގުއަލިވާނެ ކަމަށް ވެސް ބިލާވަލް ވިދާޅުވި އެވެ.