ޖަންމޫގައި ހުންނަ އިންޑިއާ އެއާބޭސްއަކަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން ޝްރީނަގަރުގައި ޑްރޯން ގެންގުޅުން އިންޑިއާ ސަރުކާރުން މަނާ ކޮށްފި އެވެ. އިންޑިއާއިން ގަބޫލު ކުރާ ގޮތުގައި ޖަންމޫއާ ކަޝްމީރު ސަރަހައްދީ ރޮނގުގައި ހަނގުރާމަވެރި ގުރޫޕްތަކުން ޑްރޯން ބޭނުންކުރެ އެވެ.
މި ސަރަހައްދުގައި އިންޑިއާއިން އެންޓި ޑްރޯން ޖޭމާ ޓެކްނޮލޮޖީ ޓެސްޓް ކުރަމުން އަންނަ ކަމަށް ވެސް އިންޑިއާ ޚަބަރުތައް ބުނެ އެވެ.
އިންޑިއާ ސަރުކާރުގެ މި އަމުރާ ގުޅިގެން ހޮބީއެއް ނުވަތަ އެ ނޫން ގޮތަކަށް ނަމަވެސް ޑްރޯން ގެންގުޅުމާއި ވިއްކުމާއި އަމިއްލަ ކުރުން އަދި އެއް ސަރަހައްދުން އުފުލައި އަނެއް ސަރަހައްދަށް ގެެންދިއުން ވެސް މަނާވާނެ އެވެ.
ޖަންމޫ ކަޝްމީރު ސަަރަހައްދީ މެޖިސްޓްރޭޓަރު މުހައްމަދު އައިޖާޒް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑްރޯން ގެންގުޅުން މަނާ ކުރަން ޖެހުނީ އިދާރީ އަދި ތަންފީޒީ މަރުކަޒުތަކާއި އާންމުގެ މުދަލާއި ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވިއަ ނުދިނުމަށް ކަމަށެވެ. އަދި އިޖުތިމާއީ ސަގާފީ އެއްވުންތައް ފަަދަ މާހަލުތައް އެކުވެރިކަމުގައި ސުލްހަވެރި ކަމުގައި ދެމެހެއްޓުމަށް ކަމަށެވެ.
އާންމުގެ ތެރޭގައި ޑްރޯން މިހާރު ވެސް ބޭނުންކުރާ ބަޔަކު އުޅޭ ނަމަ ފުލުހުންނަށް އެންގުމަށް ވެސް ވަނީ އަންގާފަ އެވެ. އެބަޔަކު ޑްރޯން ބޭނުންކުރާ ކަމެއްގެ ޒާތަށް ބަލައި ހުއްދައެއް ދީފާނެ ކަމަށް ވެސް ވާހަކަތަކުން ދޭހަވެ އެވެ.
ސަރުކާރުގެ އިދާރާއަކުން ޗާޓް ކުރެހުމަށް ނުވަތަ ސަލާމަތީ ބޭނުމަކަށް ޑްރޯން ގެންގުޅޭ ނަމަ ފުލުހުންނަށް އަންގައި ހުއްދަ ހޯދަން ވެސް ވަނީ އަންގާފަ އެވެ. ޖަންމޫ ކަޝްމީރުގެ އެހެން ސަރަހައްދެއްގައި ވެސް ޑްރޯން ބޭނުން ކުރުން މަނާ ކަމަށް ޚަބަރުތައް ބުނެ އެވެ.