ދުނިޔެ

ޗައިނާއިން މުސްލިިމް 54 ގައުމެއްގައި 400 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

މުސްލިމް ގައުމުތަކުގައި އިންވެސްޓް ކުރުން އިތުރު ކުރައްވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ގައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ފޮރިން މިނިސްޓަރު ވިދާޅުވީ ބެލްޓް އެންޑް ރޯޑް މުއާހަދާގެ ދަށުން މުސްލިމް 54 ގައުމެއްގައި 600 ޕްރޮޖެކްޓަށް 400 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށެވެ.

މުސްލިމް ގައުމުތަކާއެކު ޗައިނާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަން އެދިވަޑައި ގަންނަވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާއިން އިންވެސްޓް ކުރަނީ ހަމައެކަނި ޗައިނާއަށް ފައިދާވާ ގޮތް ބަލައިގެން ނޫން ކަމަށެވެ. އިންވެސްޓްމަންޓް ތަކުން ދެ ގައުމަށް ވެސް ފައިދާ ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މުސްލިމް ދުނިޔެ ސުލްހަވުމަށް އެދިވަޑައި ގަންނަވާ ކަމަށް ވާން ޔީ ވިދާޅުވި އެވެ. މެދުއިރުމަތި ސުލްހަ ކުރުމަށް ގައުމުތަކުން ހުށަހަޅާ ދެ ދައުލަތަށް -- އިޒްރޭލަށް ވަކި ދައުލަތެއް އަދި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް -- ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މައުލޫއަށް ގައުމުތަކުގެ މެދުގައި ސައްލާ ކުރުމަށް ވެސް ގޮވާލެއްވި އެވެ.

ޖައްމޫ އަދި ކަޝްމީރާ ބެހޭ ގޮތުން ވާން ޔީ ވިދާޅުވީ އިސްލާމީ އެކުވެރި ގައުމުތަކަށް އޮތް ކަންބޮޑުވުމެއްކަން އެނގިވަޑައި ގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޗައިނާއަށް ވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ރަޝިއާ-ޔުކްރޭނާ ބެހޭ ގޮތުން ޗައިނާ ވިސްނާ ގޮތަކީ ދެގައުމު ސުލްހަވުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އިންސާނީ މުސީބާތަކުން ޔުކްރޭން ސަލާމަތް ކުރުމަކީ ޗައިނާ އެދޭ ގޮތް ކަމަށް ވިދާޅުވި އެވެ. އަދި ހަނގުރާމަ އަކީ އެއްވެސް ކަމަކަށް ހައްލެއް ނޫން ކަމަށް ޗައިނާ ބުނާ ބުނުން ތަކުރާރު ކުރެއްވި އެވެ.

ޗައިނާއިން އަފްޣާނިސްތާނަށް އެހީތެރިވާނެ ކަމަށް ވާންގް ޔީ ވިދާޅުވި އެވެ. ގައުމުތަކުން ހުށަހަޅާ ޝަރުތުތައް ތާލިބާނުން ގަބޫލުކުރަން ޖެހޭ ކަމަށާއި އަފްޣާންގައި އިންވެސްޓް ކުރަން ގައުމުތަކަށް ރުހެވޭނެ ގޮތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.