ހަބަރު

ސަދަގާތު ފައުންޑޭޝަނަށް ކަދުރު ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށް އާންމުންނަށް ބަހަން ސައޫދީގެ ރަސްގެފާނު ހަދިޔާ ކުރެއްވި ކަދުރުން ބައެއް ސަދަގާތު ފައުންޑޭޝަން މެދުވެރިކޮށް ބެހުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ބުނީ އެގޮތަށް އަމަލު ކުރީ ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންނަށް ބެހުމަށް ސައޫދީން މިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އޭގެ ތެރެއިން ފަގީރުންނާއި ނިކަމެތިންނަށް ބެހުމަށް 500 ފޮށި ކަދުރު ވަނީ މުލިއާގެއާ ހަވާލުކޮށް، ސޮދަގާތު ފައުޑޭޝަން މެދުވެރިކޮށް ބަހާފަ އެވެ. އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެ މައްސަލާގައި ކޮރަޕްޝަނެއް ހިމެނޭތޯ ބެލުމަށް އޭސީސީން ހިންގި ތަހުގީގަށް ފަހު މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވި ކަދުރުން ބައެއް ސަދަގާތު ފައުންޑޭޝަނުން ބެހީ ކަދުރު އަވަހަށް ބެހުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ކޮރަޕްޝަނެއް ހިމެނޭ ގޮތަށް ނޫންކަމަށެވެ.

"އެ ކަދުރުގެ ތެރެއިން، ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ހަވާލުކޮށްފައިވާކަމާއި، މިކަން މިގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވެ އެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި މި ކޮމިޝަނުން އެ މައްސަލަ ނިންމާފައިވެއެވެ،" ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

އެ ކޮމިޝަނުން ބުނީ، ބޭރު ގައުމުތަކުންނާއި އެހެނިހެންވެސް ގޮތްގޮތަށް އެހީގެ ގޮތުގައި ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި އާންމުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމްއިއްޔާ ޖަމާއަތްތަކާ ހަވާލުކުރާނަމަ، އެތަކެތި އެފަރާތްތަކާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.