އެމެރިކާ

ދެ މީހަކު މެރި މީހަކަށް އެމެރިކާގައި މަރުގެ އަދަބުދީފި

ދެމީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ މީހަކަށް އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި އިއްޔެ މަރުގެ އަދަބު ދީފިއެވެ.

ރޮއިޓާސް ބުނީ ޓެކްސަސްގެ ހަންޓްސްވިލީގައި ހުންނަ މަރުގެ އަދަބުދޭ ޗެމްބަރުގައި އިއްޔެ ހަވީރު މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ކްރިސްޓޮފާ ވިލްކިންސް ނަމަކަށް ކިޔާ އުމުރުން 48 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. ޑްރަގް ޑީލެއްގައި މަކަރު ހެދުމުން އައި ރުޅީގައި 2005 ވަނަ އަހަރު ދެމީހަކު މެރިކަމުގެ ކުށް ވިލްކިންސްގެ މައްޗަށް ސާބިތުވީ 2008 ވަނަ އަހަރު އެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި މަރުގެ އަދަބު ދިނުން ހުއްޓައިލުމަށް ފަހު އަލުން އެ އަދަބު ދޭން ފެށީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހައިތަނަށް އެ ސްޓޭޓްގައި 539 މީހަކަށް މަރުގެ އަދަބު ދީފައި ވެއެވެ.

ވިލްކިންސްއަށް މަރުގެ އަދަބު ދިނީ އޭނާއަށް އެ އަދަބު ދިނުން ހުއްޓުވައި ދިނުމަށް ޓެކްސަސްގެ ސްޕްރީމް ކޯޓްގައި އެދުނު އެދުމަކަށް އެކޯޓުން އިޖާބަ ނުދިނުމުންނެވެ.

މީހުން މެރުމާއި އެނޫންވެސް ގިނަ ޖަރީމާތަކެއް ހިންގި ކަމަށް ވިލްކިންސް އެއްބަސްވީ 2008 ވަނަ އަހަރުއެވެ. އޭރު އޭނާ ބުނެފައި ވަނީ ދިރި ހުއްޓަސް މަރުވިޔަސް ފަރުވާލެއް ނެތް ކަމަށެވެ.