(ރޮއިޓާސް) ދެކުނު ޗައިނާ ކަނޑުގައި މިލްކުވެރިކަމާމެދު އަރައިރުން އުފެދިފައިވާ ސަރަހައްދުގައި ޗައިނާއިން ހިއްކި ރަށްތަކުގައި އެންޓި އެއާކްރާފްޓް އަދި އެންޓި މިސައިލް ސިސްޓަމްތަކެއް ބެހެއްޓި މައްސަލައިގައި ފިލިޕީންސުން އަނެއްކާވެސް ޗައިނާއަށް ޝަކުވާ އުފުލައިފިއެވެ.
ޗައިނާއިން ދިފާއީ ސިސްޓަމްތައް ގާއިމްކުރީ ފިލިޕީންސުން ފެށިގެން 200 ނޯޓިކަލް މޭލަށް ދެމިގެންދާ އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން( އީއީޒެޑް) ގައިވާ ފަރުތަކެއްގައި ހިއްކި ރަށްތަކެއްގަ އެވެ.
މިދިޔަ އަހަރު ޗައިނާއިން އެޅި އެފިޔަވަޅާއި މެދު ޑިޕްލޮމެޓިކް ގޮތުން ނުރުހުން ފާޅުކޮށް މިދިޔަ ޑިސެމްބަރު ޗައިނާއަށް ނޯޓެއް ފޮނުވާފައިވާނެ ކަމަށް ފިލިޕީންސް ސަރުކާރުން އިއްޔެ ބުންޏެވެ. ފިލިޕީންސްގެ ފޮރިން މިނިސްޓްރީން ބުނީ އެ ނޯޓް ފޮނުވީ އެ ގައުމުގައި ހުންނަ ޗައިނާ އެމްބަސީއަށް ކަމަށެވެ.
ސީއެންއެން ފިލިޕީންސް އަށް ދެއްވި އިންޓަވިއުއެއްގައި ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ޕާފެކްޓޯ ޔަސޭ އިއްޔެ ވިދާޅުވީ ބޮޑު ޒުވާބެއް ނޫފެދޭ ގޮތަށް ފަރުވާތެރިކަމާއި އެކު ކަންބޮޑުވުން ފާޅުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"އަހަރެމެން ފިލިޕީންސް ރައްޔިތުންނަށް ޔަގީންކަންދެން މި އަރައިރުމުގައި ޗައިނާއާ ކުރިމަތިލުމަށް އަހަރެމެން ފިޔަވަޅު އަޅާކަން. މައްސަލަ ހައްލު ނުވާ ފަދަ ރުޅިވެރި، ގަދަ ފަދަ ފިޔަވަޅުތައް އަހަރެމެން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އަހަރަކު ފަސް ޓްރިލިއަން ޑޮލަރުގެ އަގު ހުރި މުދާ ދައުރުވާ މުޅި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ސަރަހައްދު ކަމަށް އެ ގައުމުން ދައުވާ ކުރެއެވެ. ބައިނަލް އަގުވާމީ ޝަރީއަތަކުން މިދިޔަ އަހަރު ކަނޑައަޅާފައި ވަނީ ޗައިނާގެ އެ ދައުވާއާ ދޮގު ކަމަށެވެ.