މެލޭޝިއާގެ ޕޮލިސް ސްޓޭޝަނަކަށް ހަމަލާދީ ދެ އޮފިސަރުން މަރާލި ޒުވާނާ އަކީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮތް މީހެއް ނޫން ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ސައިފުއްދީން ނާސޫތިޔޫން ވިދާޅުވެއްޖެ އެވެ.
ސައިފުއްދީން ވިދާޅުވި ގޮތުގައި އޭނާ އެކަމެއް ކުރީ އޭނާގެ އަމިއްލަ ވިސްނުމާ ފިކުރަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފުލުހުން ކުރިން ހީކުރީ އޭނާ އަކީ ޖަމާއާ އިސްލާމިއްޔާއާ ގުޅުން އޮންނަ މީހެއް ކަމަށެވެ. އެކަމަކު ފުލުހުންގެ ހޯދުންތަކުން އެކަން ސާބިތުވާން ނެތް ކަމަށް ވިދާޅުވި އެވެ.
ސިންގަޕޫރު ބޯޑަރު ކައިރީގައި އޮންނަ މެލޭޝިއާގެ ޖޯހޯރު ސްޓޭޓްގެ ޕޮލިސް ސްޓޭޝަނަކަށް ހުކުރު ދުވަހުގެ ވަރަށް ހެނދުނާ އެ މީހާ ވަދެފައިވަނީ ކަތިވަޅިއެއް ހިފައިގެން ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ޑިއުޓީއަށް ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްގެ ގައިގައި ކަތިވަލިން ޖަހައި މަރާލުމަށްފަހު މަރުވި އޮފިސަރުގެ އަތުގައި އޮތް ހަތިޔާރު ބޭނުންކޮށްގެން އެހެން އޮފިސަރަކުވެސް ވަނީ މަރާލާފަ އެވެ.
ޒުވާނާގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ކުރިން ތިން ވަނަ އޮފިސަރަކަށް ހަމާދީ ޒަހަމްކޮށްލި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
މެލޭޝިއާގެ ފުލުހުން ބުނާ ގޮތުން އޭނާގެ ބައްޕަ އަކީ ޖަމާއާ އިސްލާމިއްޔާގައި ވަރަށް ހަރަކާތްތެރި މެމްބަރެކެވެ.
އެ އާއިލާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ޖަމާއާ އިސްލަމިއްޔާއާ ގުޅުން ހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާގެ ތަހުގީގަށް އޭނާގެ ބައްޕަ އާއި އަދި އިތުރު 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ޖަމާއާ އިސްލާމިއްޔާ އަކީ އޭޝިއާގައި އަލްގައީދާގެ ލަނޑުދަޑިތައް ހާސިލް ކުރާ ގޭންގެއް ކަމަށް ބުނެވެ އެވެ. މިއީ މެލޭޝިއާ އާއި އެމެރިކާ އަދި އިންޑޮނީޝިއާގައި ވެސް މަނާކޮށްފައި އޮންނަ ގުރޫޕެކެވެ.
ފިލިޕީންސްގައި އަދި އިންޑޮނީޝިއާގައިވެސް މި ޖަމާއަތުން ޓެރަރިސްޓް ހަރަކާތްތައް ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.