ދުނިޔެ

އިންޑިއާގެ ޚާރިޖީ ވަޒީރު، ޖައިޝަންކަރު ފިލިޕީންސްއަށް

އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ފިލިޕީންސްއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. އިންޑިއާ ނޫސްތަކުން ބުނާ ގޮތުން ދަތުރު ހަމަޖެހިފައި އޮތީ ފެބްރުއަރީ 13 އިން 15 އަށެވެ.

ޖައިޝަންކަރުގެ މި ދަތުރަކީ އަސްކަރީ ވިޔަފާރިއާ ގުޅުން ހުރި ދަތުރެއް ކަމަށް ޚަބަރުތައް ބުނެ އެވެ. އިންޑިއާ އާއި ފިލިޕީންސް 374.96 މިލިއަން ޑޮލަރުގެ އަސްކަރީ ޑީލެއްގައި ސޮއިކުރީ މިދިއަ މަހު އެވެ.

އިންޑިއާ އާއި ފިލިޕީންސް ގާއިމުކުރި އަސްކަރީ ވިޔަފާރި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ފިލިޕީންސްއަށް ބްރާމޮސް މިސައިލް ސަޕްލައި ކޮށްދޭނެ އެވެ. މިޑީލަކީ އިންޑިއާއިން މިފަދައިން އެއްބަސްވި އެންމެ ބޮޑު އަސްކަރީ ވިޔަފާރި އެވެ.

ފިލިޕީންސް ބުނާ ގޮތުން އިންޑިއާއިން ގަންނަ އަަސްކަރީ އާލަތްތައް ބޭނުން ކުރެވޭނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ. ފިލިޕީންސްގެ ކަނޑަށް ގަވާއިދާ ޚިލާފަށް ވަދެ ތެލަށް ތޮރުފުމާއި ކަނޑު ތޮރުފައި އަގުބޮޑު މައުދަން ނަގާ މީހުން ސަމާލުކުރުމަށް މިސައިލް ބޭނުން ކުރެވޭނެ އެވެ.

ޖައިޝަންކަރު ފިލިޕީންސްއަށް ވަޑައިގެން ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވާނެ އެވެ. އަދި ރައީސް ރޮޑްރިގޯ ޑުޓާޓޭއާ ބައްދަލު ކުރައްވައި މަޝްރޫއުގެ ޚުލާސާއެއް ވިދާޅުވާނެ އެވެ.

އިންޑިއާ ނޫސްތަކުން ބުނާ ގޮތުން އިންޑިއާގެ ފޮރިން މިނިސްޓަރަކު ފިލިޕީންސްއަށް އެންމެ ފަހު ދަތުރެއް ކުރެއްވީ 2013 ގަ އެވެ. އެއީ އެއިރުގެ ވަޒީރު ސަލްމާން ކުރުޝީދު އެވެ.

ޖައިޝަންކަރު ފިލިޕީންސްއަށް ވަޑައިގަތުމުގެ ކުރިން ފެބްރުއަރީ 10 ގައި އޮސްޓްރޭލިއާއަށް ވަޑައިގަންނަވާނެ އެވެ. އެއީ "ކްއަޑް" ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ކްއަޑް އަކީ ނޭޓޯ ކަހަލަ އެހެން ނަމަވެސް ހަތަރު ގައުމެއްގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ޖަމާއަތެކެވެ. ބައިވެރިންނަކީ އޮސްޓްރޭލިއާ އާއި ޖަޕާން، އެމެރިކާ އަދި އިންޑިއާ އެވެ.

މި ޖަމާއަތުގެ މައިގަނޑު މަގުސަދަކީ އިންޑޯ ޕެސިފިކްގައި ޗައިނާގެ ބާރުކަނޑުވާޅުމެވެ. އަދި ދެކުނު ޗައިނާ ކަނޑާއި ސަރަހައްދީ ގައުމުތަކުގައި ޗައިނާގެ ސިޔާސަތަށް ފާރަލުމެވެ.