ދުނިޔެ

ހަރްދީޕް މަރާލުމުގައި އިންޑިއާ އަތެއް އޮތްތޯ ކަށަވަރުކުރަނީ

ކެނެޑާގައި މިއަހަރު ކުރީކޮޅު ސިކުންގެ އިސް ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރު، 45، މަރާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމާ ގުޅިގެން -- މި ދެ ގައުމުގެ ގުޅުން މިހާރު އޮތީ ވަރަށް ގޯސްވެފަ އެވެ.

ނިއްޖާރު އަކީ ކެނެޑާއަށް އަމިއްލައަށް އަރުވާލެވިގެން އުޅޭ ސިކުންގެ ސިޔާސީ އިސް ލީޑަރެކެވެ.

ކެނެޑާގައި ނިއްޖާރުގެ މަސައްކަތަކީ އިންޑިއާގައި އޭނާ އާއި އޭނާގެ ސަޕޯޓަރުން ހިންގި ސިޔާސީ ހަރަކާތްތައް ފުޅާކޮށް -- ސިކުންނަށް މިނިވަން ވެރިކަމެއް، އަމިއްލަ ދައުލަތެއް "ޚާލިސްތާން"ގެ ނަމުގައި ޕަންޖާބުގައި ގާއިމުކޮށް ވަކިވެގަތުމަށް ވަކާލާތު ކުރުމެވެ.

ކެނެޑާގައި ނިއްޖާރު އިސްވެ އިންޑިއާއާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދާކަން އިންޑިއާގެ ސަމާލުކަމަށް އައުމާއެކު އެކަމުގައި އޮތް ކަންބޮޑުވުން އިންޑިއާއިން ވަނީ ކެނެޑާ ސަރުކާރާ ހިއްސާކޮށްފަ އެވެ.

މި މައްސަލަ ޑިޕްލޮމެޓިކް އުސޫލުން ކުރިއަށް ދަނިކޮށް -- ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގައި ހުންނަ ސިކުންގެ ފައްޅިއެއް ދޮށުގައި ނިއްޖާރު ހުއްޓައި އޭނާގެ ގަޔަށް ކޮންމެވެސް ބަޔަކު ބަޑިޖަހައި ވަނީ މަރާލާފަ އެވެ.

ނިއްޖާރު މަރާލުމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ކެނެޑާ ބުންޏަސް، ބައިނަލްއަގްވާމީ މިންގަޑަށް ހެކި ދެއްކިފައެއް އަދި ނެތެވެ.

ކެނެޑާ ބުނާ ގޮތުން މި މައްސަލަ ތަހުގީގުކޮށް ހޯދުމުގައި އެމެެރިކާގެ އިންޓެލިޖެންސުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނެވެ. އަދި ކެނެޑާގެ ޖާސޫސީ އޮފިސަރުންގެ ހޯދުންތަކާއި، ސީސީޓީވީ ފުޓޭޖުތައް އަދި މީހުންގެ ހަރަކާތްތަކަށް ބަލައި އެއްކޮށްފައި ހުރި މައުލޫމާތުން -- ނިއްޖާރު މަރާލުމުގައި އިންޑިއާގެ އޭޖެންޓުން ބައިވެރިވިކަން ސާބިތުކުރެވިދާނެ އެވެ.

ކެނެޑާގެ މި ތުހުމަތަށް ވަރުގަދަ ރައްދުތަކެއް އިންޑިއާ ދިނެވެ. ސާބިތުނުވާ ބުހުތާން ދޮގުތަކެއް އިންޑިއާ ބޮލުގައި އެޅުވުމުގެ ބޭނުމާ މެދު އިންޑިއާ ސުވާލުކުރި އެވެ.

މި މައްސަލާގައި ކެނެޑާގެ ކަންބޮޑުވުން އޮތީ އިންޑިއާ ދަރިކޮޅުގެ މީހެއް ނަމަވެސް، ކެނެޑާގައި ނިއްޖާރު މަރާލުމުންނެވެ. އަދި އެއީ ކެނެޑާގެ ރައްޔިތުކަން އޮތް އެ ގައުމަށް ނިސްބަތްވާ މީހަަކަށް ވުމެވެ.

ކެނެޑާއަށް ބޭރު ގައުމަކުން ބަޔަކު އޮޅުވާލައިގެން ވަދެގަނެ އެ ގައުމުގެ ރައްޔިތަކު މަރާލުމަކީ ކެނެޑާގެ މިނިވަންކަމާށާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރެއަށް އިންޑިއާ އެއްވެސް ވަރަކަށް ވަދެފައިވާނަމަ، ޓްރޫޑޯ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ، ކަން ހިނގައި ދިޔަގޮތް ތަހުގީގަށް ކިޔައިދިނުމެވެ. އަދި ތަހުގީގު ނިންމައި ކޮޅެއްގައި ޖެއްސުމަށް އިންޑިއާ އެއްބާރުލުން ދިނުމެވެ.

މި މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު، ދެ ގައުމުން ވެސް ވަނީ އެ ގައުމެއްގައި ތިބި އަނެއް ގައުމެއްގެ ޑިޕްލޮމެޓުން ބޭރުކޮށްފަ އެވެ.

ދެން އޮތް ބިރަކީ މި ދެ ގައުމުގެ ދެމެދުގައި ކުރެވެމުންދާ ވިޔަފާރިއަށް ވެދާނެ ގޮތެކެވެ. އަދި މި ވިޔަފާރި ނެޓްވޯކްގައި ހިމެނޭ އެހެން ގައުމުތަކަށް ލިބިދާނެ ގެއްލުމެކެވެ.