ދުނިޔެ

މަނިޕޫރުގައި ސަލާމަތީ ބާރުތަކުން ހަނގުރަމަވެރިންނާ ކުރިމަތިލަނީ

އިންޑިއާގެ ސަލާމަތީ ބާރުތަކުން މަނިޕޫރުގައި ހިންގި އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި 40 އަކަށް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އިރުމަތީ ސަރަޙައްދުގެ ޗީފް މިނިސްޓަރު ބީރެން ސިންގް ވިދާޅުވެއްޖެ އެވެ.

މި ހާދިސާ ހިނިގާފައި މިވަނީ ހަތިޔާރު އެޅި ޖަމާއަތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު މަނިޕޫރުގެ އެކި ސަރަހައްދުތަކުގައި ކުރިމަތިލައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ސަލާމަތީ ބާރުތަކުން ހަނގުރާމަވެރިންގެ ގަޔަށް ބަޑިޖެހީ ހަމަނުޖެހުންތަކުގައި އާންމުންގެ ގަޔަށް ހަނގުރާމަވެރިން ބަޑިޖަހައި އަމަން ބަލަހައްޓާ ގާޑުންނަށް އެއްބާރުލުން ނުދިނުމުންނެވެ.

ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިދާކަށް ދުވަހު މަނިޕޫރުގައި ހިންގި ނަސްލީ ތަޅާފޮޅުމާ ގުޅުންހުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް މުގޫލާފައި ވަނީ ވެސް މަނިޕޫރުގައި ހިންގަމުންދާ ނަސްލީ ހަމަނުޖެހުންތަކާ އެވެ.

މަނިޕޫރުގައި މިމަހު ކުރީކޮޅު ހިނގި ނަސްލީ ހަމަނުޖެހުންތަކުގައި 60 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ އަވަށް ދޫކޮށް 20،000 މީހުން ވަނީ ސަލާމަތްތެރި ހިސާބުތަކަށް ގޮސްފަ އެވެ.

މަނިޕޫރުގައި ހަމަނުޖެހުން ހިނގަން މެދުވެެރިވި ސަބަބަކީ ސަރުކާރުން ބަލައިގަނެފައި އޮންނަ ގަބީލާތަކުގެ ލިސްޓުގައި، ވަކި މުޖުތަމައެއް ގޮތުގައި ދިރިއުޅެމުންދާ މެއިޓީ ދަރިކޮޅު ނުވަތަ ގަބީލާ ހިމަނަން ސަރުކާރުން ނިންމުމުންނެވެ.

މެއިޓީ ގަބީލާއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުންް -- މީގެ ކުރިން ރަސްމީ ހައިސިއްޔަތުގައި ތިބި ގަބީލާތަކަށް ލިބެމުންދާ އިނާޔަތްތައް މެއިޓީ ގަބީލާއަށް ވެސް ލިބޭނެ އެވެ. އަދި ސަރުކާރުގެ ސްކޫލްތަކުން ދަރިވަރުންނަށް ފުރުސަތު ލިބުމާއި ވަޒީފާ އާއި ސިޔާސީ ހައިސިއްޔަތު ލިބުމުގައިވެސް -- އެ ފުރުސަތުތައް މިހާރުވެސް ލިބެމުންދާ ގަބީލާތަކާ އެއްހަމައަކަށް އަންނާނެ އެވެ.

މެއިޓީ ދަރިކޮޅަށް ސަރުކާރުން އިނާޔަތްތަކެއް ދީފި ނަމަ ދެން ތިބި ގަބީލާތަކަށް ހީވެފައި އޮތީ އެ ގަބީލާތަކަށް ލިބެމުންދާ އިނާޔަތްތަކަށް ހުރަސްއެޅޭނެ ކަމަށެވެ.