ދުނިޔެ

ޔުކްރޭން ހަނގުރާމާގައި ބައިވެރިވި ލަންކާގެ 16 ރައްޔިތަކު ވަނީ މަރުވެފައި

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި -- ކުލީ ސިފައިންގެ ގޮތުގައި ހަނގުރާމަ ކުރަނިކޮށް -- ލަންކާގެ 16 ރައްޔިތަކު މަރުވެފައިވާ ކަމަށް އެގައުމުގެ ދިފާއީ ވަޒީރުގެ ނައިބު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ދިފާއީ ވަޒީރުގެ ނައިބު ޕްރަމިތާ ޓެންނަކޫން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް ލަންކާއިން މީހުން ފޮނުވާ މައްސަލަ މީގެ ދުވަސްތަކެއް ކުރިން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.

ވަޒީރު ވިދާޅުވީ ލަންކާއަށް ލިބިފައި ހުރި ރެކޯޑުތަކަށް ބަލާއިރު އެ ގައުމުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި 288 ސިފައިން ޔުކްރޭން ހަނގުރާމާގައި ބައިވެރިވިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރަމިތާ ވިދާޅުވީ ޔުކްރޭން ހަނގުރާމާގައި މަރުވި ކަމަށް ބުނާ 16 މީހުންގެ މަރާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެ މީހުން މިހާރު ވަނީ އެ މީހުންގެ އާއިލާތަކަށް ދާންދެން ހޯދައި ސަރުކާރުގެ ތަފާސްހިސާބުތަކުގައި ރެކޯޑުކޮށްފައި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ދެއްވި މައުލޫމާތަށް ބަލާއިރު ލަންކާ ސިފައިން ހަނގުރާމަކުރީ ޔުކްރޭން ސިފައިންނާ އެކު ކަމެއް ނުވަތަ ރަޝިއާ ސިފައިންނާ އެކު ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާލަމެންޓް މެމްބަރު ގާމިނީ ވަލެބޮޑާ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ލަންކާ މީހުން ހަނގުރާމަކުރީ ރަޝިއާ ސިފައިންނާ ގުޅިގެންނެވެ.

ޔުކްރޭން ހަނގުރާމައިގައި ބައިވެރިކުރަން ލަންކާއިން މީހުން ފޮނުވާއިރު އެ މީހުންނަށް ވަރަށް ބޮޑު މުސާރަ ދޭނަ ކަމަށް ބުނާ ކަމަށް ވަލެބޮޑާ ވިދާޅުވި އެވެ. އަދި އެ މީހުންގެ މަސައްކަތަކަށް އޮންނަނީ ހަނގުރާމައިގެ މައިދާނަށް ފޮނުވާ ތަކެތި ތައްޔާރުކުރުން ކަމަށާއި ހަނގުރާމަކުރަން ނުޖެހޭނެ ކަމަށް ބުނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ބޮޑު ދޮގެއް ކަމަށް އިދިކޮޅު މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާއިން ހަނގުރާމައަށް މީހުން ފޮނުވާ ބަޔަކު އެކަންކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމާގައި ބައިވެރިކުރަން އިންޑިއާ އާއި ނޭޕާލުން މީހުން ތައްޔާރުކުރާ ބަޔަކު ވެސް މި ދެ ގައުމުގައި ހަރަކާތްތެރިވެ އެވެ.