ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ކުލީ ސިފައިން ތަމްރީންކުރުމަކީ ބުރަ މަސައްކަތާ އެކު އަދަބު ކަނޑައެޅިފައި އޮތް ގާނޫނީ ކުށެއް ކަމަށް ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.
އަލީ ސަބްރީ ވިދާޅުވި ގޮތުގައި ބޭރު އެއްވެސް ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި އަދި އެއީ ޔުކްރޭން ހަނގުރާމަ ކަމަށްވި ނަމަވެސް ލަންކާ މީހުން ބައިވެރިގެން ނުވާނެ ކަމަށެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި އޮތް ރިޕޯޓެއް ބުނާ ގޮތުން ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ތަމްރީންކުރާ ގުރޫޕްތައް ލަންކާގައި އެބަ އުޅެ އެވެ.
ލަންކާގެ މަދަނީ ގުރޫޕްތަކުން ދައުލަތަށް ވަގަށް ހަނގުރާމަތަކަށް މީހުން ފޮނުވަނީ އެ މީހުންނަށް ކޮންޓްރެކްޓްދޭ ޖަމާއަތްތަކުން ފައިސާ ދިނުމުންނެވެ.
ޔުކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް -- ޔުކްރޭން ސިފައިންނާ އެކު ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ބޭނުންވާ މީހުންނަށް ޔުކްރޭންގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ވެސް ކޮންޓްރެކްޓް ދެ އެވެ.
މިއީ ވަރަށް ސިއްރުން ހިންގާ ހަރަކާތްތަކެއް ނަމަވެސް ޔުކްރޭން ސިފައިންނާ އެކު ހަނގުރާމަކުރުމަށް ލަންކާ ނޫން ގައުމުތަކުން ވެސް މީހުން ފޮނުވަ އެވެ.
އަލީ ސަބްރީ ވިދާޅުވީ ޔުކްރޭނަށް ކުލީ ސިފައިން ތަމްރީންކޮށްދޭ ބަޔަކު ލަންކާގައި އުޅޭކަން ލަންކާގެ ސެކިއުރިޓީ އޭޖެންސިތަކަށް ކުރިން ވެސް އެނގޭ ކަމަށެވެ.
ޑެއިލީ މިރާ ބުނާ ގޮތުން ޔުކްރޭން ހަނގުރާމައިގައި ބައިވެރިވި ލަންކާގެ ތިން މީހަކު ވަނީ މަރުވެފަ އެވެ. މީގެތެރޭގައި ލަންކާގެ އަސްކަރިއްޔާގައި މުހިއްމު މަގާމުތަކެއް ފުރާފައި ތިބި މީހުން ހިމެނޭ ކަމަށްވެސް ނޫހުގައިވެ އެވެ.
އަލީ ސަބްރީ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ބައިވެރިވާން ބޭނުން މީހުން ލަންކާ ދޫކޮށް ގޮސް އެކަމުގައި ބައިވެރިވާ ނަމަ ސަރުކާރަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ލަންކާގައި އެފަދަ ތަމްރީންތަކެއް ހަދުވާނަމަ އެ ބަޔަހު ހޯދަން މަސައްކަތްކުރެވިދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ލަންކާގައި ޓެރަރިސްޓުން އުފެއްދުމަކި ސަރުކާރުން ދޫދެއްވާނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މަކަރުވެރި މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ލަންކާ ސިފައިން އަބަދުވެސް ހަރަކާތްތެރިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.