ދުނިޔެ

ހަނގުރާމައަށް ގޮސް ތިބި ލަންކާ މީހުން ގައުމަށް ފޮނުވައިދޭން އެދިއްޖެ

ރަޝިއާ ސިފައިންނާ ބައިވެރިވެގެން ޔުކްރޭނާ ހަނގުރާމަކުރަން ގޮސް ތިބި ލަންކާ ސިފައިން ގައުމަށް ފޮނުވައިދިނުމަށް އެ ގައުމުން އެދިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ ކޮޅަށް ހަނގުރާމަކޮށްދިނުމަށް ޔުކްރޭންގައި ލަންކާގެ 2،000 އެއްހާ ސިފައިން -- ލަންކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި ތަޖުރިބާކާރުން އެބަ ހަރަކާތްތެރިވެ އެވެ.

ޔުކްރޭންގައި ހަނގުރާމަކުރަނިކޮށް ލަންކާގެ 17 މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ލަންކާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރަޝިއާއަށް ހަނގުރާމަކޮށްދެނިކޮށް މަރުވީ މީހުންގެ އާއިލާތަކަށް ބަދަލުދޭން ޖެހޭނެ އެވެ. ބަދަލުދިނުމާ ބެހޭ ގޮތުން ދެ ގައުމު ގުޅިގެން ގޮތެއް ނިންމޭތޯ މަސައްކަތްކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ލަންކާގެ އިދާރާތަކުން ބުނާ ގޮތުން ލަންކާ މީހުން ހަރަކާތްތެރިވަނީ ހަމައެކަނި ރަޝިއާ ސިފައިންނާ އެކުއެއް ނޫނެވެ. ޔުކްރޭންގައި އެ ގައުމުގެ ސިފައިންނާ އެކު ރަޝިއާއާ ދެކޮޅަށް ހަނގުރާމަކޮށްދޭން ގޮސް ތިބި ލަންކާ މީހުން ވެސް ހިމެނޭ ކަމަށް އިދާރާތަކުން ބުނެ އެވެ.

ޔުކްރޭން ހަނގުރާމާގައި ކޮންޓްރެކްޓް އުސޫލުން ބައިވެރިވާން އެދޭ މީހުން ތަމްރީންކުރާ ގުރޫޕްތަކެއް މީގެ ކުރިން ލަންކާގައި ވަނީ ހަރަކާތްތެރިވެފަ އެވެ. މި ގުރޫޕްތަކުން ކުލީ ސިފައިން ހޯދަނީ ބޮޑު މުސާރަ ދޭނެ ކަމަށް ބުނެ އެވެ.

ކޮންޓްރެކްޓް ހަމަވުމަށްފަހު ރަޝިއާގައި ވަޒީފާ ބޭނުން މީހުންނަށް ވަޒީފާ ނުވަތަ ބޮޑު މުސާރައާ އެކު ގައުމަށް ދާން ބޭނުން މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށް މި ގުރޫޕްތަކުން ބުނާ ކަމަށް ތަހުގީގީ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިފަދަ ގުރޫޕްތައް ހޯދައި އަތުލައިގަތުމަށް ލަންކާ ސިފައިން މީގެ ކުރިންވެސް ހަރަކާތްތަކެއް ހިންގި އެވެ.

އެންމެ ފުރަތަމަ މި ގުރޫޕްތައް ހަރަކާތްތެރިވެފައި ވަނީ ވަރަށް ސިއްރުން ސަރުކާރަށް އޮޅުވާލައިގެންނެވެ. އަދި މި ގުރޫޕްތަކުގެ ވާހަކަ ނޫސްތަކަށް އަރަން ފެށުމުން ލަންކާ ފުލުހުންނާ ސުވާލުކުރުމުން އެއީ ހިނގާ ކަމެއްކަން ވެސް އޭރު ފުލުހުންނަކަށް ނޭނގެ އެވެ. ނަމަވެސް ޔުކްރޭންގައި މަރުވާ ލަންކާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ބޮޑު ކަމަކަށްވެ -- ކޮންޓްރެކްޓް އުވާލާފައި އެ މީހުން އަބުރާ ލަންކާއަށް ފޮނުވައިދިނުމަށް އެ ގައުމުން ވަނީ އެދިފަ އެވެ.