ލަންކާ އިގުތިސާދީ ގޮތުން ހާލުގައި ޖެހި ގައުމު ބަލަހައްޓާނެ ވަރު ވެސް އުޅެނީ ނެތިގެންނެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ގައުމުތަކުގައި ސަލާން ޖަހަމުން ގޮސް ލަންކާ މިހާރު އުޅެނީ ރަޝިއާއަށް ކޮޅުއެއްލައި ގެންނެވެ.
ލަންކާގައި ހުންނަ ރަޝިއާ އެމްބަސީން ބުނި ގޮތުން ލަންކާއަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތް ހެދުމަށް ރަޝިއާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް މައި ސަރުކާރަށް ވަނީ ދަންނަވާފަ އެވެ. މިވަގުތަށް އަދި ވަކި ޖަވާބެއް ނެތް ނަމަވެސް، އެހީތެރި ވެވެން ހުރި ގޮތްތައް ބަލަމުން އަންނަ ކަމަށް އެމްބަސީ އޮފިޝަލުން ބުނެ އެވެ.
ރަޝިއާ މިވަގުތު އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ފަނާ ކުރަނިވި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ސަފުން ރަޝިއާ ބާކީ ކުރަން ނުފޫޒުގަދަ ގައުމުތަކުން ތިބީ ފޫގަޅައިގެނެވެ.
ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް އަދި ގައުމުތަކާއެކު ވިޔަފާރި ކުރެވެން ހުރިހާ ދޮރުތަކެއް ހުރީ ލައްޕާފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައިވެރިން ގުޅިގެން ރަޝިއާ ފިއްތާފައިވާ ވަރުން އެހެން ބަޔަކަށް އެހީތެރި ވެވޭނެ ގޮތްތައް ރަޝިއާއަށް ވަނީ ހުއްޓިފަ އެވެ.
މިފަދަ ދަތި ހާލަތެއްގައި ރަޝިއާ އޮތް ނަމަވެސް ލަންކާއަށް އެހީތެރި ވެވެން ނެތް ކަމަކަށް އަދި ނުބުނެ އެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީގެ ވާހަކަތައް ހުރި ގޮތުން ލަންކާއަށް ރަނގަޅު ގޮތްތަކެއް ހަދައި ދޭނެ އެވެ.
ރަޝިއާ އެމްބަސީގެ އޮފިޝަލުންނާ ހަވާލާދީ ލަންކާ ނޫސްތައް ބުނާ ގޮތުގައި ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލު އަންނަ މުއާމަލާތްތަކަށް ރަޝިއާ ހިތްވަރުދޭނެ ކަމަށް އޮތީ ބުނެފަ އެވެ. އެހެން ކަމުން އޮފިޝަލުން ބުނާ ގޮތުގައި ބެލެވެނީ ރަނގަޅު އަގެއްގައި ލަންކާއަށް ތެޔޮ ލިބޭނެ ކަމަށެވެ.