ދުނިޔެ

ލަންކާއަށް ތެޔޮ ހޯދަން ރައީސް ގޮޓާބޭ ޔޫއޭއީއަށް

ލަންކާ ރައީސް ގޮޓާބޭ ރާޖަޕަކްސާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް މިނިސްޓަރު އޮފް ސްޓޭޓް ފޮ ޕަވާ އެންޑް އެނާޖީ، މަހިންދަނާންދަ އަލުތުގަމަގެއާ ހަވާލާދީ ލަންކާ ޚަބަރުތައް ބުނެފި އެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމަކީ ލަންކާއަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭސް ދެމެހެއްޓެނިވި ގޮތެއްގައި ހެޔޮ އަގެއްގައި ގަންނަން ލިބޭނެ ގޮތް ފަހިކުރުމެވެ.

ލަންކާއަށް ބޭރުފައިސާ ލިބެން ހުރި ހުރިހާ ކޮޅުތަކެއް ހުރީ ފިތިބާރުވެފަ އެވެ. ލަންކާ މިހާރު އޮތީ އިގުތިސޯދީ ގޮތުން މިއިން ދުވަހަކު ވެސް ނުވެއްޓޭ ވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

ގައުމު ހިންގުވައި ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދުނިޔޭގެ މާލީ އިދާރާތަކުން ލިބޭތޯ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރި ނަމަވެސް އަދި ވެސް ކޮޅުމަތި ސާފެއް ނޫނެވެ.

ލަންކާއަށް ކަރަންޓް ދޭން ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން އާންމު ރައްޔިތުން ގިނަ ވަގުތު ހޭދަކުރަނީ ކަނު އަނދިރީގައި، ގަދަ ހޫނުގަ އެވެ.

ގަޑި ބަހައިގެން ކަރަންޓް ކަނޑަމުން ދާއިރު ފެނާއި ކާބޯތަކެތި ލިބުން ވެސް ވަނީ ބިރުގަންނަ ވަރަށް ދަތިވެފަ އެވެ.

ލަންކާއަށް ބޭނުންވާ ތެޔޮ ފަސޭހަ ގޮތަކަށް ލިބޭތޯ ރަޝިއާގެ ރައީސަށް ގުޅުއްވައި ގޮޓާބޭ ވަނީ ލުއި ގޮތްތަކަކަށް އެދިވަޑައިގެންފަ އެވެ.

ލަންކާއަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ކަމަށް ރަޝިއާ ބުނި ނަމަވެސް، ލަންކާއާ ހަމައަށް ތެޔޮ ބޯޓުތައް އައުމަށް ވަގުތު ނަގާނެ ކަމަށް ވެއެވެ.

މަޝްރަހު ދިރާސާކުރާ މީހުން މިހާރު ބުނާ ގޮތުގައި ލަންކާއަށް ދިމާވެފައި އޮތް ހާލަތަކީ ބަޔަކު ރާވައިގެން ކޮށްފައި އޮތް ކަމެކެވެ. ލަންކާ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ކުރި ކަމެއް ނަމަވެސް އެކަމާ ހެދި އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ލަންކާއަށް ދިމާވެފައި އޮތް ހާލަތުގައި އާންމު ރައްޔިތުން މަރުވާ އަދަދު ހާމަކުރުން ލަންކާއިން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން ލަންކާ ނޫސްތަކުން ވެސް އެވާހަކަތައް މަދު ފަހަރަކު ނޫނީ ޝާއިއު ނުކުރެ އެވެ.