ދުނިޔެ

އީރާނާއި ރަޝިއާ 40 ބިލިއަން ޑޮލަރުގެ ޑީލަކާ ދިމާއަށް

ރަޝިއާ އާއެކު 40 ބިލިއަން ޑޮލަރުގެ ޑީލެއް، ކުރިއަށް އޮތް ޑިސެމްބަރު ތެރޭގައި ހެދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އީރާން ބުނެފި އެވެ.

ރަޝިއާގެ ގައުމީ ގޭސް ކުންފުނި، ގޭސްޕްރޮމް\އާ އެކު ހަދާ މި ޑީލު އެކުލެވިގެން ވަނީ ވަކިވަކި އެއްބަސްވުންތަކެއްގެ މައްޗަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތަތް އިތުރުކުރުމަށް ހެދޭ އެއްބަސްވުން ތަކެކެވެ.

އީރާންގެ ފޮރިން މިނިސްޓަރުގެ ނައިބު -- ފޮރިން މިނިސްޓާ ފޮ އިކޮނޮމިކް ޑިޕްލޮމަސީ މަހުދީ ސަފާރީ އުންމީދު ކުރައްވާ ގޮތުގައި ޑިސެމްބަރު ލައިގަންނަން ވާއިރަށް ހުރިހާ މަޝްވަރާއެއް ފުރިހަމަކުރެވޭނެ އެވެ.

ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު އެލްގްޒެންދަރު ނޮވޯކް ވިދާޅުވި ގޮތުގައި އީރާނާ އެކު ހެދޭ ހުރިހާ އެއްބަސްވުމަކީ ވެސް ހަކަތައާ ގުޅުން ހުރި އެއްބަސްވުން ތަކެކެވެ.

އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ހަދަން ޖެހެނީ ވާސިލުވާން ވަކި އަމާޒެއް ކަނޑައެޅުމަށެވެ.

އެއްބަސްވުމުގައި އެކުލެވޭ ބައެއް ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލައިވައި ނޮވޯކް ވިދާޅުވި ގޮތުގައި އީރާންގެ ސަރަހައްދުގައި ހުރި ތެޔޮވަޅުތަކުން ތެޔޮ ނެގުމަށް ފަންނީ މާހިރުންނާ އެކު ސާވޭކުރުމަކީ ވެސް ކުރަން ހަމަޖެހިފައި އޮތް މަސައްކަތެކެވެ.

އީރާންގައި ގުދުރަތީ ގޭސް ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ގޭސް ހޮޅިތައް އެޅުމަކީ ވެސް ޕްރޮޖެކްޓްގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭސް ހޮޅިތައް އަޅައި ގޭސް ރައްކާކުރަން ފަށައިގަތުމަށްޓަކައި ނުވަ މިލިއަން ކިއުބިކް މީޓަރުގެ ގޭސް ރަޝިއާއިން އީރާނަށް ވިއްކާނެ ކަމަށްވެސް ނޮވާކް ވިދާޅުވި އެވެ.

ރަޝިއާއާ ގުޅިގެން އިގުތިސާދީ ބިޔަ ޕްރޮޖެކްޓެއް އީރާނުން އިއުލާންކުރިއިރު، ޔުކްރޭން ހަނގުރާމާގައި ބޭނުންކުރަން އީރާންގައި އުފައްދާ ހަތިޔާރު ރަޝިއާއަށް ވިއްކާ ކަމުގެ ވާހަކަަތައް އޮތީ ވައިގައިހިފާފަ އެވެ.

ޔުކްރޭނަށް ހަމަލާދިނުމަށް އީރާންގެ ޑްރޯން ރަޝިއާ ސިފައިން ބޭނުންކުރާ ކަމާއި އީރާންގައި އުފައްދާ ބެލިސްޓިކް މިސައިލް ރަޝިއާއިން ގަންނަ ވާހަކަ ހިމެނެނީ އެންމެ ހޫނު ޚަބަރު ސުރުހީތަކުގެ ތެރޭގަ އެވެ.