ދުނިޔެ

ބަހްރޭނާއި އީރާނުން ސިޔާސީ ގުޅުން އަލުން ގާއިމުކުރަނީ

ބަހްރޭނާއި އީރާނުން ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް މަޝްވަރާކުރަން ތައްޔާރުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ބުނި ގޮތުން މަޝްވަރާތަކަށް މަތީ ފެންވަރުގެ އޮފިޝަލުން އެއްގައުމުބް އަނެއް ގައުމަށް ދަތުރުކުރައްވާނެ އެވެ.

މަޝްވަރާތައް އަލުން ފަށަން އެއްބަސްވީ ބަހްރޭންގެ ހާރިޖީ ވަޒީރު އަބްދުއްލަތީފް އަލްޒަޔާނީއާ އިރާންގެ ހާރިޖީ ވަޒީރު އަލީ ބަޣެރީއާ އެކު އީރާންގެ ވެރިރަށް ތެހެރާންގައި ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމަކަށްފަހު އެވެ.

އީރާނާ އެކު އޮތް ސިޔާސީ ގުޅުން ބަހުރޭނުން ކަނޑާލީ 2016 ވަނަ އަހަރު އެވެ. އެއީ ސައޫދީއާއި އީރާންއާ ދެމެދު ހިނގާދިޔަ މައްސަލަތަކެއްގައި، ގަލްފުގެ ގައުމުތައް ސައޫދީ ކޮަޅަށް އެރުމާ ގުޅިގެންނެވެ.

އީރާނާއި ސައޫދީ ސިޔާސީ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. އެއީ ތެހެރާންގައި ހުރި ސައޫދީގެ އެމްބަސީގައި އީރާންގެ ޝީއީ ގުރޫޕްތަކުން ހުޅުޖެހުމާ ގުޅިގެންނެވެ. މި ހާދިސާގައި ސައޫދީގެ އޮފިޝަލުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

ސައޫދީ ދެކެ ޝީއީ ގުރޫޕްތަކުން ރުޅިއަރައިގަތީ ޝީއީންގެ ދަންނަބޭކަލެއް ކަމަށް ބުނާ ނިމްރު އަލް ނިމްރު މަރަން ހުކުމްކޮށް ސައޫދީން އެ ހުކުމް ތަންފީޒުކޮށް އޭނާ މަރާލުމުންނެވެ.

އޭނާ މަރާލަން ޖެހުނީ ސައޫދީގައި ފިތުނަ އުފައްދައި ބައިބައިކުރަން ގޮވާލައި އެއްވުންތައް ބާއްވަން ފެށުމުން އިދާރާތަކުން ތަކުރާރުކޮށް ދިން ނަސޭހަތް އޭނާ ގަބޫލުނުކުރުމުންނެވެ.

އީރާނާ އެކު ގުޅުން ބަދަހިކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ބަހްރޭނުގެ ރަސްގެފާން ހަމަދު ބިން އީސާ އަލްޚަލީފާވެސް ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ރައީސް ޕޫޓިންއާ ބައްދަލުކުރައްވައި ރަސްގެފާން ދެއްކެވި ވާހަކަތަކުގައި ވެސް އީރާންއާ އެކު ގާތް ގުޅުމެއް ބާއްވަން އެދިވަޑައިގަންނަވާ ކަމަށްވި އެވެ.

ރަސްގެފާން އަދި ވިދާޅުވީ ގުޅުން ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދައުލަތުން އެހީތެރިވެދެއްވާނެ ކަަމަށްވެސް ރަސްގެފާން ވިދާޅުވި އެވެ.