ދުނިޔެ

ލަންކާގެ ހާލަތު، ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅުން އެބައޮތް: އެމެރިކާ

ލަންކާ ތެލަށް ޖެހި، ކާބޯތަކެއްޗަށް ޖެހުން އެއީ ހަމަ އެހެން އޮވެފައި ހިނގައިގެން އުޅޭ ކަމެއް ނޫން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ލަންކާގެ ހާލަތު އޮތީ ރަޝިއާ، ޔުކްރޭން ހަނގުރާމައާ ސީދާ ގުޅިފަ އެވެ.

ރަޝިއާ ކުށްވެރި ކުރައްވައި އަދި ހަމަ އެ ރޫހުގައި ބްލިންކެން ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި ނުގަތް ނަމަ ލަންކާއަށް އެފަދަ ހާލަތެއް މެދުވެރި ނުވީސް ކަމަށެވެ.

ޔުކްރޭން އަކީ ގޮވާމުގެ ބާވައްތައް ދުނިޔޭގެ މާކެޓަށް ވަރަށް ގިނައިން ސަޕްލައިކުރާ ގައުމެކެވެ. އެމެރިކާ ބުނާ ގޮތުން ޔުކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭ މާކެޓަށް ނުފޯރައިގެން އުޅެނީ ވެސް ރަޝިއާއާ ހެދި އެވެ.

ބްލިންކެން ދެކެވަޑައި ގަންނަވާ ގޮތުގައި ޔުކްރޭންގައި އުފައްދާ ތަކެތި ލަންކާއަށް ފޯރާ ނަމަ ދޮރުތައް މުޅިން ބަންދު ނުވީހެވެ. އެނާ އަދި ވިދާޅުވި ގޮތުގައި ލަންކާއަށް ކާބޯތަކެތި ވަންނާނެ ކޮންމެވެސް ކޮޅެއް އޭރުން އޮތީހެވެ.

ރަޝިއާގެ ސަބަބުން ދުނިޔޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށް ބްލިންކެން ވިދާޅުވި އެވެ. ލަންކާއިން އެ ފެންނަނީ ރަޝިއާ، ޔުކްރޭން ހަނގުރާމައިން ނުބައި ފަރާތް ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތައް ލަންކާގެ ހާލަތަށް ނުދިޔަ ނަމަވެސް، ފަގީރު ގައުމުތަކުގައި ބަނޑަށް މަރުވާ މީހުން އިތުރުވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެށެން މެދުވެރިވި ސަބަބު އޮޅުން ފިލުވައި ނުދެއްވައި ބްލިންކެން މުޅިންހެން ކުށްވެރި ކުރެއްވީ ރަޝިއާ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ އަކީ ހުޅަނގުން ރަޝިއާއަށް ކުރި ޖެއްސުމުގެ ނަތީ ކަމަކަށް ބްލިންކެން ވިދާޅެއް ނުވެ އެވެ. ޔުކްރޭން މިހާރު ލިބެމުން އެދާ ގެއްލުންތަކަކީ ހުޅަނގުން ބޭނުންވެގެން ޔުކްރޭން ލިބިގަންނަ ގެއްލުންތައް ކަމަކަށް ވެސް ވިދާޅެއް ނުވެ އެވެ.

ދުނިޔޭގައި ބަޔަކު ނުބައި ކަމެއް ކުރާ ނަމަ އޭގެ އަނެއް ކޮޅުގައި އެމެރިކާ އޮވެ އެވެ. އެމީހުންގެ އެޖެންޑާއަށް އަމަލުކުރަން ބަޔަކު ބޭނުން ނޫން ނަމަ ދެން އޮންނަނީ އިގުތިސޯދީ ހަރުކަށި ފިޔަވަޅުތަކެވެ.