ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ ހަމަނުޖެހުން ތަކުގެ ގެއްލުން 39 މިލިއަން ރުޕީއަށް

ލަންކާ މަގުތަކުގައި ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި މީހުން އާންމުންގެ މުދަލަށާއި ތަކެއްޗަށް 39 މިލިއަން ރުޕީގެ ގެއްލުން ދީފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއީ އަދި އާންމުކޮށް ފެންނަން ހުރި ގެއްލުން ތަކަށް އަރާނެ ކަމަށް ލަފާކުރެވޭ އަދަދެކެވެ.

މުޒާހަރާކުރި މީހުން ރައީސް ގޮޓާބޭ ރާޖަޕަކްސާ ދިރިއުޅުއްވާ ގެކޮޅު، މިރިހާނާ ކައިރިއަށް އެއްވެ ގާ އުކައި އަމަން ބަލަހައްޓާ އޮފިސަރުންނަށް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި ފުލުންގެ ސީނިއާ އޮފިސަރުންނަށް ވެސް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އަވަށްތަކަށް ދަތުރު ކުރެވެން އޮންނަ މައިމަގުތައް ބަންދުކޮށް އަލިފާންބޯޅަ އުކައި ވެހިކަލްތަކުގައި ވަނީ ހުޅުޖަހާފަ އެވެ. ލަންކާ ސަރުކާރުން އާންމު ބަޔާނެއްގައި ބުނެފައިވާ ގޮތުން މަގުތަކަށް ނުކުތް މީހުން ފުރަތަ ހަރަކާތްތެރިވީ ސުލްހަވެރި އެއްވުމެއް ކަމަށް ދެއްކުމަށެވެ.

އެެހެން ނަމަވެސް އެއްވުމުގެ ރޫހު ބަދަލުކޮށް ރައީސް އިސްތިއުފާ ދެއްވުމަށް ގޮވައި ސަރުކާރު ވައްޓާލުމުގެ ގޮތުން އާންމުންގެ މުދަލަށާއި ގެދޮރަށް ގެއްލުން ދިނީ އެވެ. އެ މުޒާހަރާ ކުރި މީހުންގެ ތެރެއިން ފުލުހުންނަށް ހުރަސް އަޅައި އަމަން ބަލަހައްޓަން ތިބި އޮފިސަރުންނަށް ޖިސްމާނީ އަނިޔާކުރި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ މީހުންނާ މެދު ގާނޫން އަސާސީ ތަންދޭ އެންމެ ފުޅާމިނުގައި އަމަލުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކާ ދެތެރޭ ނާއިންސާފު ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ލަންކާއަށް މިއީ ހިތާމަވެރި ދުވަސްތަކެކެވެ. ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން ގައުމުގެ އިގުތިސޯދި ކޮޅަށް ނުޖެހި އުޅެނިކޮށް ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުމަކީ ވެސް ލަންކާއަށް ވަރަށް ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ.

ލަންކާއަށް ބޭރު ފައިސާ ލިބެން ހުރި ކޮޅުތައް ބެދި ބޮލުގައި އެޅިފައި ހުރި ބޮޑެތި ލޯނުތައް ދެއްކޭނެ ގޮތެއް ވަނީ ނެތިފަ އެވެ. ސަރުކާރުން ބުނާ ގޮތުން ގައުމު ހިންގަން ބޭނުންވާ ތެޔޮ ގަންނާނެ ފަދަ ވެސް މާލިއްޔަތުގައި ނެތެވެ. އާންމުންނަށް ބޭނުންވާ ބޭސް ފަރުވާއަށް ގައުމަށް އެތެރެ ކުރަން ޖެހޭ އަސާސީ ތަކެތި ވެސް މިހާރު ވަނީ އެތެރެ ކުރުން ހުއްޓާލާފަ އެވެ.

ލަންކާއަށް މިއީ ވާރޭ ވެހޭ މޫސުމެއް ނޫނެވެ. އެހެންކަމުން ތެލުގެ ދަތިކަމާ ހެދި ބައެއް ހިސާބުތަކުން ކޮންމެ ދުވަހަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަށް ވަނީ މަޖުބޫރުވެފަ އެވެ. ލަންކާއަށް ބޭނުންވާ ކަރަންޓުގެ ބޮޑުބައި އުފައްދަނީ ވާރޭވެހި އޮއިދެމޭ ކޯރުތަކުންނެވެ.

މާޗް 31 ވަނަ ދުވަހު ލަންކާގައި ހިނގާދިޔަ ހަމަނުޖެހުން ތަކުގައި ފުލުހުންގެ ތެރެއިން އަނިޔާ ލިބުނު އޮފިސަރުންނަށް ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލާއި ކަޅުބޯވިލާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުންގެ ތަރުޖަމާން އަޖީތު ރޯހަން ވިދާޅުވި އެވެ.