ދުނިޔެ

ފައިޓަރު ޖެޓް ވީޑިއޯ ލީކުކުރި ފަޅުވެރިން ކުށްވެރި ވެއްޖެ

އެމެރިކާގެ ފައިޓަރު ޖެޓެއް ކަނޑަށް ވެއްޓޭ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑީއާގައި ލީކުކުރި ފަސް ފަޅުވެރިން ކުށްވެރި ވެއްޖެ އެވެ.

މިކަމެއް ހިނގައިގެން އުޅެނީ ޖެނުއަރީ ފަހުކޮޅު، ދެކުނު ޗައިނާ ކަނޑުގަ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ޖައްސަން ދިޔަ އެފް-35 މަރުކާގެ މަތިންދާބޯޓެއް މަނަވަރުގެ ކޮޅުފަސްކޮޅުގައި ޖެހި، ކައްސައިގެން ގޮސް ހުޅުރޯވެ ވަނީ ކަނޑަށް ވެއްޓިފަ އެވެ.

މި ހާދިސާގައި ހަތް ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް އެމެރިކާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ޒަކް ހަރެލް ވިދާޅުވި އެވެ. އެެހެން ނަމަވެސް ޕައިލެޓަށް އެއްވެސް ގެއްލުމެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ފައިޓަރު ޖެޓް މަނަވަރުގައި ޖެހި މުޑިއެރުމުގެ ކުރިން ޕައިލެޓް ވަނީ ވައިކުޑަ ހުޅުވާލައި ވަޔާއެކު މައްޗަށް އަރައި ސަލާމަތްވެފަ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އަސްކަރީ މަރުކަޒުތަކުގަ އާއި އުޅަނދު ފަހަރުގައި ހިނގާ އެޒާތުގެ އެއްވެސް މަންޒަރެއް އާންމުކޮށް ޝާއިއުކޮށް އެއާ މެދު ބަހުސްކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ހުއްދަ ނެތް އޮފިސަރަކު މީޑިއާތަކަށް މައުލޫމާތު ދިނުމަކީ ވެސް ކުށެއް ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ ފަސް ފަޅުވެރިންނާ މެދު ޝަރީއަތް ކުރެވޭނެ ކަމަށާއި އަދަބު ވެސް ކަނޑައެޅޭ ކަމަށެވެ.

އެމެރިކާގެ ފައިޓަރު ޖެޓެއް ދެކުނު ޗައިނާ ކަނޑަށް ވެއްޓުނުކަން އިންޓަނެޓްގައި އުޅޭ މީހުންނަށް އެނގުނީ ލީކުވި ވީޑިއޯ ކްލިޕްގެ ސަބަބުންނެވެ. އެނޫން ގޮތެއްގައި ގާތީ އެއީ ހިނގި ކަމެއްކަން ވެސް ނޭނގުމެވެ.

އެމެރިކާ ސިފައިންގެ އެ މަނަވަރު މިހާރު ވަނީ އެމެރިކާގެ ސަންޑިއޭގޯއަށް ގެންގޮސްފަ އެވެ. ކަނޑަށް ވެއްޓުނު ފައިޓަރު ޖެޓް އަދި ވެސް އޮތީ ކަނޑުއަޑީގަ އެވެ.

ދެކުނު ޗައިނާ ކަނޑަކީ ވަރަށް ވާދަވެރި ސަރަހައްދެކެވެ. ޗައިނާ އާއި ފިލިޕީންސް އާއި ޓައިވާން، ވިއެޓްނާމް އާއި މެލޭޝިއާ އަދި އިންޑޮނީޝިއާ ވެސް އެ ސަރަހައްދަށް ބާރު ހިންގަ އެވެ. އެހެން ނަމަވެސް އެންމެ ނުފޫޒު ގަދަ ގައުމަކީ ޗައިނާ އެވެ.

އެފް-35 މަރުކާގެ ފައިޓަރު ޖެޓެއްގެ އަގު އެތައް މިލިއަނަކަށް އަރަ އެވެ. އަސްކަރީ ގޮތުން އެމެރިކާގައި ހުރި އެންމެ ބާރުގަދަ، އެންމެ ޒަމާނީ އާލާތްތައް އެފް-35 ގައި ވަނީ ގާއިމުކޮށްފަ އެވެ.

އެމެރިކާގެ ފައިޓަރު ޖެޓެއް ޗައިނާ އަތުޖެހުމަކީ އެމެރިކާއަށް ވަރަށް ބޮޑު ހިތާމައެކެވެ. އެހެން ނަމަވެސް ދެކުނު ޗައިނާ ކަނޑުގެ އެ ސަރަހައްދު ގާޑުކޮށްގެން ތިބުމަކީ އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އެެވެ.

ޚަބަރުތައް ބުނާ ގޮތުން ޗައިނާ އަސްކަރީ ޑައިވަރުން އެ ސަރަހައްދު ހޯދައި ބޯޓު އޮތްތައް މިހާރު ވަނީ ފާހަގަކޮށްފަ އެވެ. އަދި ފައިޓަރު ޖެޓް ނެގުމާ ގުޅޭ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.