ދުނިޔެ

ޕިލިޕީންސްގައި އެމެރިކާގެ މިސައިލް ސިސްޓަމެއް

އެމެރިކާއިން ޕިލިޕީންސްގައި ޕެޓްރިއޮޓް މިސައިލް ސިސްޓަމެއް ބަހައްޓައިފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕެޓްރިއޮޓް މިސައިލް ސިސްޓަމް ބަހައްޓާފައި ހުރީ ޓައިވާނާ ދިމާއަށްވާ ގޮތަށް ޕިލިޕީންސްގެ އަވަަށެއްގަ އެވެ.

ޕިލިޕީންސް އާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ފަރިތަ ކުރުންތަކުގައި ބޭނުން ކުރުމަށް ކަމަށް ބުނެ މިސައިލް ސިސްޓަމެއް ޕިލިޕީންސްގައި ބެހެއްޓުމުގެ ބޭނުމަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ދައުރަށް ހުރަސް އެޅުމެވެ.

ދެ ގައުމު ގުޅިގެން މާޗް 28 ގައި ފެށި އަސްކަރީ ފަރިތަ ކުރުންތައް އޭޕްރީލް އަށެއްގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އޮފިޝަލުން ވިދާޅު ވެއެވެ.

އަސްކަރީ ފަރިތަކުރުންތައް ބޮޑަށް ފޯކަސް ކޮށްފައި ވަނީ ދެކުނު ޗަައިނާ ކަނޑަށް ވާގޮތަށް ހުންނަ ޕިލިލީންސްގެ ވަކި ރަށްތަކުގަ އާއި ޓައިވާނާ ގާތް އަވަށްތަކުގަ އެވެ.

ޗައިނާގެ ކިބައިން ޓައިވާން ހިމާޔަތް ކުރުމަށް އެމެރިކާ ދެމުން ގެންދާ އެހީތެރި ކަމުގައި ޕިލިޕީންސްއަށް ހަތިޔާރު ދިނުމަކީ ދުރާލައި ރާވައިގެން ހިންގާ ޕްރޮގްރާމެެއް ކަމަށް ޝައްކު ކުރެވެ އެވެ. އެގޮތުން ދުވަހެއްގެ ކޮޅުން ވެސް ޗައިނާއިން ޓައިވާނަށް އަރައިގެންފި ނަމަ ޕިލިޕީންސްގައި ތިބޭ އެމެރިކާ ސިފައިން އެކަމުގެ ތެރެއަށް ވަދެގަންނަން ފަސޭހަ ވާނެ އެވެ.

އެމެރިކާ - ޕިލިޕީންސްގެ އަސްކަރީ ފަރިތަކުރުންތައް ފޯކަސްކުރަނީ އެ ސަރަހައްދުގައި ހަނގުރާމައެއް ފެށުނު ނަމަވެސް ރައްދު ހަމަލާތައް ދެވޭނެ ގޮތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކަށް ވިސްނައިގެނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފަރިތަކުތުން ތަކުގައި އެމެރިކާގެ 5،100 ސިފައިން އަދި ޕިލިޕީންސްގެ 3،800 ސިފައިން ބައިވެރިވެ އެވެ. ފަރިތަކުރުންތަކުގައި ކަނޑާއި ވައިގެ ތެރޭގައި އަދި އަސްލު ހަތިޔާރާއެކު ހަމަލާ ބަދަލު ކުރުން ހިމެނެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޕިލިޕީންސްގެ ފޮރިން ސެކްރެޓަރީ ޓިއޮޑޮރޯ ލޮކްސިން އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވެސް ވަނީ މިދާކަށް ދުވަހު ޗައިނާގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ޗައިނާ އާއި ޕިލިޕީންސް މަޝްވަރާތަކަށް ފަހު ސަރަހައްދީ މަސްލަހަތު ދެމެހެއްޓުމުގައި ދެ ގައުމު ގުޅިގެން ކުރިއަށް ދާން ވަނީ އެއްބަސްވެފަ އެވެ.