ދުނިޔެ

މެލޭޝިއާ އެއާލައިންސް މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީން ފުރައިގެން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރުކުރި -- މެލޭޝިއާ އެއާލައިންސް މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ، ބޯޓު ތެރޭގައި ބިރުވެރިކަން އުފެއްދި އޮސްޓްރޭލިއާ ރައްޔިތަކުން ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ދިމާވިއިރު -- މެލޭޝިއާއަށް ދިއުމަށް 199 ދަތުރުވެރިން އަދި 12 ފަޅުވެރިންނާ އެކު ހޯމަ ދުވަހުގެ މެންދުރު ފަހު ފުރި މަތިންދާބޯޓު -- ދެގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނީ ދުއްވާފަ އެވެ.

ނަމަވެސް. ދަތުރުވެރިންގެ ތެރެއިން މީހަކު ކުއްލިއަކަށް ތެދުވެ އޭނޭގެ ކޮނޑު ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ހަޅޭއްލަވަން ފެށުމުން ޕައިލެޓަށް ޖެހުނީ ބޯޓުގައި ތިބި ދަތުރުވެރިންގެ ހައްގުގައި، އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަތިންދޯބޯޓު އަނބުރާލާށެވެ.

އޮސްޓްރޭލިއާގެ ފުލުހުން ނޫސްވެރިންނަށް ބުނި ގޮތުން އޭނާގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އޭނާ ހެދީ ދޮގެކެވެ.

އޭނާ މިހާރު ހުރީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ބިރުދެއްކުމާއި ދޮގުހެދުން އަދި އޭވިއޭޝަން ގަވާއިދުތަކާ ޚިލާފުވުމުގެ ދައުވާކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސިޑްނީގެ ރަންވޭއަށް މަތިންދާބޯޓު ރައްކާތެރިކަމާ އެކު ޖެއްސި ނަމަވެސް، މަތިންދާބޯޓު ބާއްވަން ޖެހުނީ ރަންވޭ މަތީގައި އޮތް އެއްވެސް ބޯޓަަކަށް -- ބޮމެއް ގޮވި ނަމަވެސް، ގެއްލުން ނުލިބޭނެ ދުރުމިނެއްގަ އެވެ.

އެއަށް ފަހު ގޮވާ ތަކެއްޗާ ބެހޭ މާހިރުން ބޯޓަށް އަރައި ފާސްކޮށް، ބިރުދެއްކި މީހާއަށް ނިސްބަތްވާ ހުރިހާ ސާމާނެއް ވެސް ވަނީ ޗެކްކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން ޑޮމެސްޓިކް 32 ފްލައިޓް ކެންސަލްކުރަން ޖެހުނު ކަމަށް އޮފިޝަލުން ބުނެ އެވެ. ނަމަވެސް، އިންޓަނޭޝަނަލް ފްލައިޓެއް ކެންސަލް ނުކުރި ނަމަވެސް، ބައެއް ފްލައިޓްތައް 90 މިނެޓަށް ފަސްކުރަން ޖެހުނު ކަމަށްވެ އެވެ.

ބިރުދެއްކި މީހާއާ ބެހޭ މާބޮޑު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް އޭނާ އަކީ އޮސްޓްރޭލިއާއަށް އުފަން މީހެއްކަން ވަނީ ކަށަވަަރުވެފަ އެވެ.