ދުނިޔެ

ސޮލޮމަން އައިލަންޑްސްގައި އަސްކަރީ މަރުކަޒެއް ނުހަދާނެ: ޗައިނާ

ސޮލަމަން އައިލަންޑްސްގައި އަސްކަރީ މަރުކަޒެއް ބިނާކުރަން ޗައިނާ ވަރަށް ވަރުދައްކައިގެން އުޅޭ ކަމަށް ބުނެ ނޫސްތަކުގައި ހަދާފައި ހުރީ ބުހުތާން ދޮގު ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުގައި އެއީ ބަޔަކު އުފަންކޮށްގެން އުޅޭ ޚިޔާލެކެވެ.

ވަންގް ވެންބިން ވިދާޅުވީ އެއީ މައުލޫމާތުގައި ހުރި ކުށެއް ނޫން ކަމަށާއި ދޮގުހެދުމުން ހިތްއުފާވާ ބަޔަކު ކައްކާ ހިޔާލީފޮލާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސޮލަމަން އައިލަންޑްސްއާ އެކު ގުޅުން ބަދަހިކުރުން އޮތީ އެއަށް ވުރެ ހަނި ދާއިރާ ތަކުގައި ކަމަށެވެ.

ސޮލޮމަން އައިލަންޑްސްއާ އެކު އެއްބަސްވުން ތަކެއްގައި ސޮއިކުރިކަން ޗައިނާއިން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އަސްކަރީ މަރުކަޒެއް ބިނާކުރަން ޗައިނާއިން ވިސްނާ ކަމަށް ބެލެވޭ އެއްވެސް ވާހަކައެއް ނެތެވެ.

ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުން ބާރުއަޅަނީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ސޮލޮމަން އައިލަންޑްސްގައި ކަށަވަރު ކުރުމަށް ޗައިނާ ވެދޭ އެހީ އަށެވެ. ޗައިނާގެ އަސްކަރިއްޔާ އެބިމުގައި ގާއިމުވެ ތިބޭ ވާހަކައެއް ނެތެވެ.

އެހެން ނަމަވެސް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި ޗައިނާގެ ވިސްނުމަކީ ސޮލޮމަން އައިލަންޑްގައި އަސްކަރީ މަރުކަޒެއް ބިނާކުރުމެވެ.

އެކަމަށް ބާރުދާ ހެކިތަކެއް މޮރިސަނަށް ދެއްކިފައި ނެތް ނަމަވެސް ވިދާޅުވީ އަސްކަރީ މަރުކަޒެއް ބިނާކުރަން ޗައިނާ އިސްނެގުމަކީ ވެސް ރަތްރޮނގު ހުރަސްކުރުން ކަމަށާއި އޮސްޓްރޭލިއާ އާއި އެމެރިކާ ވެސް އެކަމާ ހެދި ރަތަށް އަރާނެ ކަމަށެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި ސޮލޮމަން އައިލަންޑްސްގައި ޗައިނާ ކުރަން އުޅޭ ކަމެއް ފާޅުކުރަން ޖެހެ އެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހަދާ އެއްބަސްވުމަކުން މުޅި ސަރަހައްދު ގަޑުބަޑުވާން އެމެރިކާއަށް ދޫކޮށް ނުލެވޭނެ ކަމަށެވެ.

ސޮލޮމަން އައިލަންޑްސް އާއި ޗައިނާއާ ދެމެދު އޮތީ ކޮންފަދަ ގުޅުމެއްތޯ ބަލަން އެމެރިކާގެ އޮފިޝަލުން އެގައުމަށް ދަތުރުކުރާނެ ކަމަށް ވެސް ނެޑް ޕްރައިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ޗައިނާ ބާރުގަދަ ކުރުމަކީ އޮސްޓްރޭލިއާ އަދި ނިއުޒިލަންޑްއަށް ވެސް ބޮޑު ބިރެއް ކަމަށެވެ.