ޗައިނާއިން ސޮލޮމަން އައިލެންޑްސްގެ ފުލުހުންނަށް ސަލާމަތީ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި އެވެ. މިއީ އެމެރިކާ އާއި ބައިވެރިން ވަރަށް ބޮޑަށް ހީކަރުވާނެ ކަމަކަށް ވާނެ އެވެ.
އޮސްޓްރޭލިއާ އިން ވެސް ސޮލޮމަން އައިލެންޑްސްއަށް މި ހަފުތާގެ ކުރީކޮޅު ސެމީ އޮޓޮމެޓިކް ރައިފަލާއި އަދި ވެހިކަލްތަކެއް ވެސް ހަދިޔާކުރި އެވެ. އެއީ ސޮލޮމަން އައިލެންޑްސްގެ ރައްކާތެރިކަމަށް އެންމެ ބޮޑަށް ހޭދަކުރަނީ އޮސްޓްރޭލިއާއިން ކަމަށް ދެއްކުމަށެވެ.
ސޮލޮމަން އައިލެންޑްސް އާއި ޗައިނާއާ ދެމެދު ވެސް ސަލާމަތީ އެއްބަސްވުންތަކެއް ގާއިމުކޮށްފައި އޮވެ އެވެ. މި ދެ ގައުމުގެ ދެމެދުގައި ސެކިއުރިޓީ އެއްބަސްވުން ތަކުގައި ސޮއިކުރީ ފާއިތުވި އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ޗައިނާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ވަރަށް އަގުބޮޑު އަދި ހުރިހާ ސާމާނެއް ހިމެނޭ ގޮތުން ފޮރެންސިކް އޮޓޮޕްސީ ލެބޯޓަރީއެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ފުލުހުންނަށް ޚާއްސަ 20 ވެހިކަލާއި 30 ސައިކަލު އަދި "ވޯޓާ ކެނަން ޓްރަކް" އާއި ޑިޖިޓަލް ވީއެޗްއެފް ކޮމިއުނިކޭޝަން ސިސްޓަމްތަކެއް ހިމެނެ އެވެ.
މި އެހީ ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ސޮލޮމަން އައިލެންޑްސްއަށް ހަމަޖައްސާފައި ހުންނަވާ ސަފީރު، ލީ މިިންގް ވިދާޅުވި ގޮތުގައި ޗައިނާގެ އެހީތެރިކަމާ އެކު "ރޯޔަލް ސޮލޮމަން އައިލޭންސް ޕޮލިސް ފޯސް"ގެ ގާބިލުކަން އިހުނަށް ވުރެ ކުރިއަރައި ދާނެ އެވެ.
ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރު މަނާސިހް ސޮގަވަރޭ ވިދާޅުވި ގޮތުގައި ފުލުހުންނަށް ވަސީލަތްތައް ފުރިހަމަކޮށްދޭން ޖެހެނީ ސޮލޮމަން އައިލެންޑްސްއާ މެދު އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށް ކަމަށެވެ.
ވިޔަފާރިވެރިންނާއި ޓޫރިސްޓުން އަދި އާންމު ފަރުދުންގެ ސަލާމަތަށް އެހީތެރިވުމަކީ ވެސް އުންމީދެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޗައިނާއިން ސޮލޮމަން އައިލެންޑްސްއަށް ބާރުގަދަކުރަން މަސައްކަތްކުރުމަކީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ދެކޭ ގޮތުގައި ޗައިނާއަށް އެއްވެސް ބާރެއް ސައުތު ޕެސިފިކްގައި އޮވެގެން ނުވާނެ އެވެ.
އެހެންނަމަވެސް ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކާ ވާދަކުރުމަކީ ޗައިނާގެ ޝައުގުވެރިކަމެއް ނޫނެވެ. ސޮލޮމަން އައިލެންޑްސް އާއެކު ގާތް އެކުވެރިކަމެއް އޮތުމުން ނިމުނީ އެވެ.
ސޮލޮމަން އައިލެންޑްސްގެ ފުލުހުންނަށް ޗައިނާގައި ދޭތެރެ ދޭތެރެއިން ތަމްރީން ޕްރޮގްރާމްތައް ވެސް ހިންގަ އެވެ.