ދުނިޔެ

ޝީ ޖިންޕިންގް އަކީ ޑިކްޓޭޓަރެއް ނޫން: ނިއުޒިލޭންޑްގެ ބޮޑުވަޒީރު

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެއް ކަމަކު ޝީ ޖިންޕިންގް އަކީ ޑިކްޓޭޓަރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވެއްޖެ އެވެ.

"ޗައިނާގައި ވެރިކަންކުރަނީ ޑިކްޓޭޓަރެއް ނޫން -- އެ ގައުމުގައި ވެރިއަކަށް ހުންނެވީ ރައްޔިތުންގެ ވޯޓުން ހޮވާފައި ހުރި ލީޑަރެއް،" ހިޕްކިންސް ވިދާޅުވި އެވެ.

"ޗައިނާގައި އޮތް ވެރިކަމަކީ އަޅުގަނޑުމެން ފާޑުކިޔަންވީ ކަމެއް ނޫން -- އެއީ އެ ގައުމުގެ ރައްޔިތުންގެ ކިބައިގައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޗައިނާގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އެ ގައުމުގެ ރައްޔިތުންނަށް ކުރެވޭ ވަރުގެ ކަމެއް ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިން ހިޕްކިންސްއަށް ދެންނެވުމުން އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން އެދޭނަމަ އެއީ އެ މީހުންގެ ކިބައިގައި އޮތް ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިޕްކިންސް މި މަހު ފަހުކޮޅު -- ޖޫން 25-30 އަށް ޗައިނާއަށް ވަޑައިގަންނަވާނެ އެވެ. އޭނާގެ އަރިހުގައި ނިއުޒިލޭންޑްގެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ޓީމެއް ވެސް ޗައިނާއަށް ގެންދަވާނެ އެވެ.

ހިޕްކިންސްގެ މި ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ބޮޑުވަޒީރު ލީ ޗިއަންގްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި ޗައިނާގެ އިގްތިސާދީ ސިޔާސަތާ ގުޅުންހުރި ވެރިންނާވެސް މަޝްވަރާކުރައްވާނެ އެވެ.

އެމެރިކާގެ ރައީސް މިދާކަށް ދުވަހު ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ޑިކްޓޭޓަރެކެވެ. އެކަމަކު ޝީ ޖިންޕިންއަށް އެނގިވަޑައި ނުގަންނަވާ ކިތަންމެ ކަމެއް ޗައިނާގައި ހިނގާ ކަމަށް ބައިޑެން ތުހުމަތުކުރެއްވި އެވެ.

ޖޯ ބައިޑަން މި ގޮތަށް ޝީ ޖިިންޕިން ސިފަކުރެއްވި ގޮތް އިތުރަށް އޮލުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވި އެވެ. އެންމެ ރަނގަޅު ގޮތަކީ އެެ ބުނުން އެ ގޮތުގައި ބޭއްވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.